މާލޭގެ ގެއަކަށް މީހަކު ވައްދާ ބިރުދައްކައިގެން ފޭރުނު މައްސަލައާއި ގުޅިގެން ހޯދަމުން ދިޔަ އަންހެންމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުން ބުނީ މި މަހުގެ 24 ވަނަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވައްދާ އޭނާ ބަރަހަނާކޮށް ބިރުދައްކައި ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައާއި ގުޅިގެން ހޯދަމުން ދިޔަ 43 އަހަރުގެ އަންހެންމީހާ ހައްޔަރު ކޮށްފައިވާކަމަށެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެން ދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 26 އަހަރާއި 35 އަހަރުގެ ދެ ފިރިހެނުންވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެކަކު 30 ދުވަހަށް އަދި އަނެކަކު 60 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.