ެދިވެހިރާއްޖޭގެ ކައުންސިލުތައް ފުދުންތެރި ކުރުވުމަށްޓަކައި، މި ސަރުކާރުން ނިޒާމަށް ހެޔޮ ބަދަލުތައް ގެންނަމުންދާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޝޯގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ކައުންސިލުތަކާ ގާތް ގުޅުމެއް ބާއްވަވާ ވެރިއެއް ކަމަށާއި، އެމަނިކުފާނު މިހާތަނަށް 160 ކައުންސިލަށް ވަޑައިގެން، އެ މެމްބަރުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ ކައުންސިލުތަކަކީ މާލީ ގޮތުން ބާރުވެރި، އަދި ފުދުންތެރި އިދާރާތަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
”އޭގެ ހެއްކެއް، ރަށްރަށުގެ އިހްތިސޯސްގެ ތެރޭގައި ފަޅު ރަށް ރަށް ނެތް ކަމަށް ވެއްޖެއްޔާ، އެ ރަށަކަށް އަތޮޅު ތެރެއިން ނުވަތަ އެ ނޫން ވެސް ހިސާބަކުން ފަޅު ރަށް ދެވޭނެ އުސޫލުތައް ގާއިމު ކުރައްވާ، ގެޒެޓް ކުރައްވާ، މިހާރު އެ ރަށްތަކުގެ ލިސްޓު ވެސް އެއޮތީ އާއްމު ކުރައްވާފަ.“ މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން، ރ.އިނގުރައިދޫ ކައިރީގައިވާ ރަށެއް ލިބޭނެ ގޮތް ވުމަށް އެދި ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ ދަށުން، ވީ އެންމެ އަވަހަކަށް އެ ރަށް ހަމަޖައްސައިދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކަށް، އެ ހިދުމަތުން ލިބޭ އާމްދަނީގެ 10 އިންސައްތަ ކައުންސިލުތަކަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އިރުޝާދު ދެއްވާފައިވާކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

