ޑިމޮކްރެޓްސް ޕާޓީގެ ވިމަން ޑިމޮކްރެޓްސް ލީޑަރު ފާތިމަތު ހަމްދާ މުހައްމަދަށް ޑެޕިއުޓީ މިނިސްޓަރުކަން ދޭން އުޅޭ ކަމަށް ބުނެ، ރަޖިސްޓްރީ ނުކޮށް ހިންގާ ނޫހަކުން ޚަބަރު ފެތުރުމުން، އޭނާ ރައްދު ދެއްވައިފިއެވެ.

”ދިޔަވަރު“ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހަމްދާއަށް ޑެޕިއުޓީ މިނިސްޓަރުކަން ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަށް ފޮރިން މިނިސްޓްރުގެ ސްޓޭޓް މިނިސްޓަރުކަން ދޭން ނިންމާފައިވާ ކަމަށާއި، ޑިމޮކްރެޓްސްގެ އަންހެން ނައިބު ރައީސް އައިޝަތު އަލައިކާ އަދުނާން އަށް ވެސް ސްޓޭޓް މިނިސްޓަރުކަން ދިނުމަށް ނިންމާފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

ހަމްދާ ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ، ”ދިޔަވަރު“ ކުދިން ވެސް އަރާ އިރާއެކު ތެދު ވާހަކައެއް ނުދައްކާ ކަމަށާއި، ޕްރެސް ފްރީޑަމް ފަދަ އިންޑެކްސްތަކުން ރާއްޖެ މައްޗަށް ނުދަނީ އެހެންވެ ކަމަށެވެ.

”ޚަބަރު ކިޔާލިއިރު، ތެދު މައުލޫމާތަށްވުރެ ދޮގު މައުލޫމާތު ގިނަ.“ ހަމްދާގެ ކޮމެންޓުގައިވެއެވެ.

ޑިމޮކްރެޓްސްގެ ބައެއް މެމްބަރުންނަށް ސިޔާސީ މަގާމު ހަމަޖައްސަން އުޅޭ ކަމަށް ޚަބަރު ފަތުރަމުންދާއިރު، އެ ޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރިއެވެ. އެ ޕާޓީގެ ފަރާތުން އިލްޔާސް ލަބީބު، ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރެއްވިއެވެ.