މިނިވަން ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުން އެނގިގެން ދިޔަ އެއް ކަމަކީ، ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި ކުރައްވަން ޖެހިވަޑައިވަޑައިގެންނެވި ކޮންމެ ކަމެއް އެމަނިކުފާނު ކުރައްވާނެކަން ކަމަށާއި، މީގެ ކުރީގެ ވެރިކަންތަކުގައި އިސްލާހު ކުރަން ނުކެރުނު އެތައް ކަމެއް އެމަނިކުފާނު އިސްލާހު ކުރައްވަމުން ގެންދަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިގޮތަށް ވިދާޅުވެފައި ވަނީ، ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
”ރައީސުލްޖުމްހޫރިއްޔާގެ ވާހަކައިން އަޅުގަނޑުމެންނަށް ދޭހަވީ، ގައުމު އިސްލާހު ކުރުމަށްޓަކައި، ނުކުރައްވާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން. ހަމަ އެގޮތުން، އިސްލާހު ކުރަން ޖެހެނީ ކޮންމެ ކަމެއް ވިޔަސް، އެކަން އިސްލާހު ކުރައްވާނެކަން އަޅުގަނޑުމެންނަށް ޔަގީން ވެގެން ދިޔުން.“ މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލު ކުރައްވަވާ ނާޒިމް ވިދާޅުވިއެވެ.
ގައުމު އިސްލާހު ކުރުމަށް ރައީީސް މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމަށް އަލިއަޅުވާލައްވައި، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ ކަންކަން ކުރަމުންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުވަމުންދާ މަންޒަރު މިހާރު މަގުމަތިން ވެސް ފެންނަމުންދާ ކަމަށެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ހުށަހެޅިފައިވާ އިސްލާހާއެކު ވެސް ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި، އެއް ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގިއިރު، އަނެއް ވެރިކަމެއްގައި އެ ކޯޓުގައި ތަޅު އަޅުވައި، ފަނޑިޔާރަކު ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް، ރައީީސް މުއިއްޒުގެ ސަރުކާރުން، ޝަރުއީ ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރައްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޖުޑީޝަލް ކޮމްޕްލެކްްސްގެ އިމާރާތުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
”މިހާރު ވެސް އަދުލު އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ އެތައް ބަޔަކަށް އެތައް ގެއްލުމެއް ވަމުންދާ ދުވަހެއް.“ އޭނާ ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މުހިންމުކަން ބަޔާން ކޮށްދެއްވަމުން ނާޒިމް އިތުރަށް ވިދާޅުވީ މަދަނީ ކޯޓުގައި 77 ފަނޑިޔާރުން ތިއްބެވިއިރު، 4،000އަށްވުރެ ގިނަ މައްސަލަ ނުނިމި އެބައޮތް ކަމުގައެވެ.
”އެންމެ މަދުން މައްސަލަ އޮތް ފަނޑިޔާރު އަތުގައި ވެސް 112( މައްސަލަ) އެބައޮތް.“
އޭނާ އިތުރަށް ވިދާޅުވީ، މަޖިލިސްގެ ތެރެއިން ޖަވާބުދާރީ ކުރުވުމުން، ގިނަ މައްސަލަތައް ފުނި ޖެހިފައި އޮންނަ އޮތުން ވެސް ނިމުމަކަށް އަންނާނެ ކަމުގައެވެ.

