ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް މަޑުކޮށްގެން ހުރި ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ވަނަވަރު ފުލުހުން މިރޭ އާއްމުކޮށްފިއެވެ.

ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި އިއްޔެ މެންދުރުގެ ވަގުތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލްނުވެގޮސް މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓުވުމާއެކު ކާރު ދުއްވަން އިން މީހާ ފިިލީއެވެ. ނަމަވެސް ރޭ ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަައާ ގުޅިގެން ހައްޔަރުކުރީ،  މާލެ، ހ. ނޫރަންމާގެއާގެ އިކްރާމްއަބްދުއްރަހުމާން އާއި، ކ. މާލެ، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް އާއި، ގއ. ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާއިލެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަކު ހައްޔަރު ކުރީ އެކްސިޑެންޓް ހިނގި ސަރަހައްދުން ކަމަށެވެ. އަދި ބާކީ ތިބި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެއީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެކްސިޑެންޓުގައި އަނިޔާ ލިބުނީ ކާރު އައިސް ޖެހުނު ސައިކަލުގައި އިން މީހާއަށެވެ.

އެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.