ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުތަކާއި ހެޖުތަކުގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިން ތަކުރާރުކޮށް އިލްތިމާސް ކޮށްފިއެވެ.

މިއީ ވިޔަފާރީގެ ބޭނުމަށް ބަހައްޓާފައިވާ މިތަކެތި ނެގުމަށް އެޗްޑީސީން އިލްތިމާސް ކުރި ތިންވަނަ ފަހަރެވެ.

އެޗްޑީސީން ބުނީ ކުރިން ކުރި އިއުލާނުތަކަށް އިޖާބަ ދީފައި ނުވާތީ،  ދުވާރު މަތީގައި އާއި ހެޖު ތެރޭގައި ބަހައްޓަފައި ހުރި ގޮނޑިއާ މޭޒު ނެގުމަށް އަނެއްކާވެސް އަންގާ ކަމަށެވެ.

އަދި ދުވާރުމައްޗާއި ހެޖް ތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

އެޗްޑީސީން ވަނީ ސުންގަޑިއަށް ދުވާރު މައްޗާއި ހެޖް ތެރޭގައި ބަހައްޓާފައި ގޮނޑި އާއި މޭޒު ނަގައިފައިނުވާނަމަ އެތަކެތި ނަގައި އެ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެ ކޯޕަރޭޝަނުން ކުރަމުން ގެންދާނެ ކަންވެސް އަންގައިފައެެވެ.