ސްޓެލްކޯ އިން ކަސްޓަމަރުންނަށް ބިލު ކުރުމުގައި އޮޅުވާނުލާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި، ބިލު ކުރާ ގޮތް ބެލުމަށް ހުރިހާ މުއައްސަސާތަކަށް ދައުވަތު އަރުވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކަރަންޓު ބިލާ ގުޅޭ ޝަކުވާތަކާ ބެހޭގޮތުން އާއްމުންނަށް ކަންކަން ސާފު ކޮށްދިނުމަށް ސްޓެލްކޯ އިން މިއަދު ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ، ކަސްޓަމަރުންނަށް ބިލު ކުރުމުގައި އެ ކުންފުނިން އަމަލު ކުރާ ގޮތް ބެލުމުގެ ފުރުސަތު ހުރިހާ މިނިވަން މުއައްސަސާތަކަށް ވެސް އޮންނާނެ ކަމަށާއި، ކުންފުނީގެ ސިސްޓަމް ބަލަންވީ ކަމަށެވެ.
”އަޅުގަނޑުމެންގެ ބިލިން އިންޓެގްރިޓީއާ ދޭތެރޭގައި، އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނެތް، އަޅުގަނޑު ހަމަ، އެހެން ބޭފުޅުންނަށް ދައުވަތު އަރުވާލަން އިނގޭތޯ! މުއައްސަސާތަކަށް ދައުވަތު އަރުވާލަން، ވަޑައިގަންނަވާށޭ، އޯޕަންލީ އަޅުގަނޑުމެންގެ ސިސްޓަމްތައް ދައްކާނަމޭ.“ ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، މިފަދަ ދައުވަތެއް ދިނުމުން، ސްޓެލްކޯގެ ޑާޓާ ބޭސް ދެއްކުމަށް ބައެއް ފަރާތްތަކުން އެދޭ ކަމަށެވެ. ނަމަވެސް އެއީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހާމަވެގެންދާނެ ކަމަކަށްވާތީ، ކުރެވޭން އޮންނަ ކަމެއް ނޫން ކަމަށް ފަހުމީ ވިދާޅުވިއެވެ.
”ރައްޔިތުންގެ، ފަރުދުންގެ ވަރަށް ގިނަ ޒާތީ މައުލޫމާތު އެކުލެވޭ އެއްޗެއް އަޅުގަނޑުމެންގެ ޑާޓާ ބޭސް އަކީ. އަޅުގަނޑުމެން މި ދައުވަތު އަރުވަނީ ހުރިހާ މުއައްސަސާތަކަށް، ދައުލަތުގެ މިނިވަން މުއައްސަސާތަކަށް، ކަމާބެހޭ މުއައްސަސާތަކަށް، ވަޑައިގެންދެއްވާ!“
މާލޭގެ ކަސްޓަމަރުންގެ ތެރެއިން، ހަ އިންސައްތައަށް މިދިޔަ މަހުގެ ބިލު ވަރަށް ބޮޑު ކަމަށާއި، ހުޅުމާލޭގެ 15 އިންސައްތައަށް ބިލު ބޮޑުކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ ފަރާތުން އެ ކަސްޓަމަރުންނަށް ”ރީޒަނަބަލް“ ޖަވާބެއް ދޭނެ ކަމަށެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފަހުމީ އިތުރަށް ވިދާޅުވީ، އާއްމު ރައްޔިތުން ބިލު ނުދެއްކުމުގެ މައްސަލައެއް މިހާތަނަށް ދިމާވެފައި ނުވާ ކަމަށާއި، ނަމަވެސް މީގެ ކުރިން ބައެއް ވިޔަފާރިތަކާއި ގެސްޓް ހައުސް ފަދަ ތަންތަނަށް ބިލު ނުދެއްކިގެން، ބިލު ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދީފައިވާނެ ކަމަށެވެ.

