ތިލަމާލެ ބްރިޖު މަޝްރޫއުގެ ދިރާސާގެ މަސައްކަތް ކުރުމަށް ދެކޮޅަށް ދުއްވާ ޕްލެޓްފޯމް ފަރަށް އެރިތާ 11 ދުވަސް ފަހުން ޕްލެޓްފޯމް މިއަދު މެންދުރު ނަގައިފިއެވެ.
އެ ޕްލެޓްފޯމް ފަރަށް އެރީ، މި މަހުގެ 16 ވަނަ ދުވަހުއެވެ.
ބްރިޖް މަޝްރޫއު ހިންގާ އިންޑިއާގެ އެފްކޮންސް ކުންފުނިން މީގެކުރިން ބުނީ، ޕްލެޓްފޯމް 48 ގަޑިއިރުގެ ތެރޭގައި ނަގާނެ ކަމަށެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހު އެ ކުންފުނިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ ކަމަށެވެ.
ޕްލެޓްފޯމް ނެގުން ލަސްވެގެން އެ މައްސަލަ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ މަޖިލީހަށްވެސް ހުށައަޅާފައެވެ.
އެ ޕްލެޓްފޯމް ނުނަގާ ގިނަ ދުވަސްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
