މާލެ ސަރަހައްދުގައި ކަރަންޓު ބިލު ބޮޑު ގެތަކަށް ސްޓެލްކޯގެ ޓީމުތައް ފޮނުވައިގެން ބިލު ބޮޑުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ކަރަންޓު ބިލާ ގުޅުންހުރި ޝަކުވާތަކާ ގުޅޭގޮތުން އާއްމުންނަށް ކަންކަން ސާފު ކޮށްދިނުމަށް ސްޓެލްކޯއިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފަހުމީ ވިދާޅުވީ މިމަހު ސްޓެލްކޯއަށް ލިބިފައިވާ ޝަކުވާ މަދު ކަމަށާއި ބައެއް ގެތަކަށް ވަރަށް ބޮޑު ބިލު ކުޑަވެ، އަނެއްބައި ގެތަކަށް ބިލު ވަރަށް ކުޑަ ވެސް ވެފައިވާ ކަމުގައެވެ.
އަދި މިކަމުގެ ވާނުވާ ރައްޔިތުންނަށް އެނގެންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މިދިޔަ މަހާ އަޅާ ބަލާއިރު މިމަހު މާލޭގެ 94 އިންސައްތަ ބިލު ކުޑަކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.
އަދި މާލޭގެ 6 އިންސައްތަ ބިލު އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެއިތުރުން ހުޅުމާލޭގެ 15 އިންސައްތަ ބިލު ވަރަށް ބޮޑުކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާއަށް ބޮޑުކަމަށް ފާހަގަ ކުރެވޭ ބިލުތައް ބޮޑުވާ ސަބަބު ކަސްޓަމަރުންނަށް އަދި ސްޓެލްކޯއަށްވެސް އެނގެންޖެހޭ ކަމަށެވެ.
އެހެންކަމުން ބިލު ބޮޑުވާ ގޭބިސީތަކަށް ޓީމުތައް ފޮނުވައިގެން އެނާޖީ އޮޑިޓެއް ކުރަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ފަހުމީ ވަނީ ބިލު ކުރުމުގައި ސްޓެލްކޯ އިން އެއްވެސް ވަރަކަށް އޮޅުވާލާފައި ނުވާނެ ކަމަށާއި، މިނިވަން މުއައްސަސާތަކުން ބަލަން ބޭނުން ވެއްޖެނަމަ، މިކަން ބެލޭނެ ކަމަށެވެ. އެ ފުރުސަތު ކޮންމެ މުއައްސަސާ އަކަށް ހުޅުވާލާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.


މިގޭ ބިލް 4000 ގައި ހުރެފާ، ކުއްލިއަކަށް 5،900 އަށް. ޢަދި މި ބޮޑުވީ ގެ ތަޚުލާފަ، 15 ދުވަހު އެންމެން ރަށަކަށް ދިޔަ މަހު! ދެން ޖެހުނު މަހު ވެސް 5400 އަށް! ދެން މިބުނަނީ މިހާރު ބިލް ތިރިވިއްޔޭ! ދުވަހަކު މިގޭ ބިލް 4000، 4200 މިއަށް ވުރެން ކުރީގެ އެއްވެސް ސަރުކާރެއްގައި ބޮޑެއްނުވޭ! އަދިވެސް ވޯޓު ހޯދަންއަންނާނާނެ!