ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓަރުންގެ ނުވަ ވަނަ ކޮންފަރެންސްގެ ފަސް ވަނަ ދަންފަޅީގެ ރިޔާސަތު ރާއްޖޭގެ އިސްލާމިކް މިނިސްޓަރު  ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބަލަހައްޓަވައިފިއެވެ.

އެ ދަންފަޅީގެ ޝިއާރަކީ މުސްލިމުން ގިނަ ގައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމައުތަކުގެ އިސްތިގްރާރަށް އޭގެ ސަބަބުން ކުރާ އަސަރެވެ.

މި ކޮންފަރެންސް ފަށާފައި ވަނީ ހޮނިހިރު ދުވަހު މައްކާގައެވެ.

އިސްލާމީ ހުރިހާ ގައުމަކުން ވެސް ބައިވެރިވާ މި ކޮންފަރެންސަކީ ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒް އާލް ސުއޫދުގެ އިސްނެންގެވުމުގެ މަތިން ބާއްވާ ކޮންފަރެންސެކެވެ.

މި ފަހަރުގެ ކޮންފަރެންސްގެ މައިގަނޑު މައުޟޫއުއަކީ މެދުމިނުގެ އުސޫލުތައް ކުރިއެރުވުމާއި، މެދުމިނުގެ އަގުތައް ވަރުގަދަކުރުމުގައި އިސްލާމިކް މިނިސްޓްރީތަކުގެ ދައުރެވެ.

ކޮންފަރެންސްގައި ގައުމުތަކުގެ ދީނީ ވުޒާރާތަކުގެ އިސްލާމިކް މިނިސްޓަރުންނާއި، މުފްތީންނާއި، އިސްލާމީ މަޖިލިސްތަކާއި، މުއައްސަސާތަކާއި، ޖަމްޢިއްޔާތަކުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވައެވެ.

އެގޮތުން ކޮންފަރެންސްގެ މައުޟޫއުއާ ގުޅޭ ދިރާސާތަކުގެ މައްޗަށް މަޝްވަރާކުރުމަށް 10 ޖަލްސާއެއް އޮންނާނެއެވެ.

އެގޮތުން މީގެ ތެރޭގައި އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތައް ޒަމާނީ މަފްހޫމުތަކުގެ އަލީގައި ބަޔާންކުރުމާއި، ދީނީ ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މިކޮންފަރެންސްގައި މަޝްވަރާ ކުރެވިގެންދާނެއެވެ.