އިއްޔެ ސްޓެލްކޯގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒޫޝާން ކަމާލުއްދީންއެވެ.
ސްޓެލްކޯ އިން މައުލޫމާތުދޭ ގޮތުގައި މި އެއްބަސްވުމަކީ އެ ކުންފުންޏަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މުވައްޒަފުން ތަމްރީން ކުރުމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ސްޓެލްކޯގައި “އިންޑަސްޓްރިއަލް އެކްސްޕީރިއަންސް” ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމަށާއި އަދި ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި ފަހުމުނާމާގެ ދަށުން އެއްބަސްވާ ކަންކަން
ޕޮލިޓެކްނިކް އިން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ޕޮލިޓެކްނިކް އިން ތަމްރީން ލިބިގެން ނިކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި “އިންޑަސްޓްރިއަލް އެކްސްޕީރިއަންސް” ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު
ސްޓެލްކޯގެ މާލެ އަދި ގްރޭޓަރ މާލެ ރީޖަންގެ އިންޖީނުގެތަކުގައި އިންޖީނު އޯވަރހޯލް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، މި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ބޭނުންވާ ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް، މި މަސައްކަތް ބައްލަވާލެއްވުމަށް ސްޓެލްކޯއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެއެވެ.
މީގެ އިތުރުން ސްޓެލްކޯގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް އަދި ނަން-ޓެކްނިކަލް ދާއިރާތަކާ ގުޅޭ އެކިއެކި ކުރު ތަމްރީން ޕްރޮގްރާމްތައް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ހިންގައިދިނުމާއި، ޕޮލިޓެކްނިކް އިން ހިންގާ ސްޓެލްކޯ އިން ކުރާ މައިގަނޑު މަސައްކަތްތަކާއި ގުޅުންހުރި ކޯސްތައް ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކޯސް ކިޔަވައިދިނުމަށް ބޭނުންވާ އެކިއެކި އިކުއިޕްމަންޓްތަކާއި ކަމާބެހޭ އެކިއެކި އާލާތްތައް ހޯދައިދިނުމުގައި ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.
މި ފަހުމުނާމާގެ މުއްދަތަކީ، މި ފަހުމުނާމާގައި ސޮއިކުރާ ތާރީހުން ފެށިގެން، މީލާދީ ގޮތުން ފަސް އަހަރު ދުވަހެވެ

