ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ހުށަހަޅައިފިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިކަން ހާމަ ކުރައްވައިފައި ވަނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ވެސް ޑރ. ޖައިޝަންކަރަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އިންޑިއާއާއެކުގައި މި އެއްބަސްވުން ގާއިމު ކުރެވުމުން، އިގްތިސާދީ ދާއިރާގެ އެހެނިހެން އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ވިޔަފާރި ފުޅާވާނެ ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ދެގައުމު ގުޅިގެން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވިގެންދާނެއެވެ.
އަދި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހި ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޖައިޝަންކަރުގެ މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.