އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ގައުމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ހަވާލުކުރުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި މީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީކަންކަން ކުރިއަރައިދިއުމާއި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއްލިބި މުޅި ޤައުމުގެ ފާގަތިކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
އަދި މި މަޝްރޫއުތަކަކީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ އިންޑިއާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ބޮޑުވަޒީރު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އައުކުރައްވަމުން އެ ދަޢުވަތު ދެއްވިކަމަށްޓަކައި އަދި އެ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރާއި ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.