ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާ އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ.

އަދި ރައީސް ވަނީ ސްރީލަންކާގެ ރިޔާސީ އިންތިޚާބު ސުލްހަވެރިކަމާއެކު ކުރިޔަށްދިއުމަށް އެދިވަޑައިގެން އެއީ ސްރީލަންކާގެ ތަރައްގީއާ ފާގަތިކަމަށް ވެސް ބާރުއެޅިގެންދާނެކަމެއްކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1965ގައެވެ.