މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ގިނަ ގެތަކަށް ފެން ވަންނަމުންދާތީ، އެކަން ހައްލު ކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުން ނުކުމެއްޖެއެވެ.

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމާއި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ދަނީ މާލެ ސިޓީގައި ހަރަކާތެރިވަމުންނެވެ.

އަދި ސްޓެލްކޯއިން ހިދުމަތްދޭ އެހެނިހެން ރަށްރަށުގެ މުވައްޒަފުން މިވަގުތު ވަނީ ރަށު ފެންވަރުގައި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ތައްޔާރީހާލަތަކަށް ގެނެވިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް އުފަލާއިއެކު އެންމެ ކުރީ ސަފުގައި ތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މާލޭގެ މަގުތަކުގައި ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރި ވަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް ދައްކަވަމުން ގެންދަވަނީ ތައުރީފު ހައްގު، ހިތްވަރާއި ޖޯޝުން ފުރިގެންވާ ނަމޫނާއެއް ކަމަށެވެ.

”ގައުމީ ރޫހުގައި މުވައްޒަފުން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކަށް ފަހުރުވެރިކަމާއިއެކު ޝުކުރު ދަންނަވަން. ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ރޫހު ސްޓެލްކޯގެ މުވައްޒަފުންގެ ގައިގައި އަށަގަނެފައިހުރީ ޒަމާނުއްސުރެ ވަރުބަލިކަމެއް އަދި ފޫހިކަމެއްނެތި އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ހިދުމަތުގެ ސަބަބުން.“ ފަހުމީ ވިދާޅުވިއެވެ.

 

މާލެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިހާތަނަށް 70 ގެއަކަށް ފެންވަދެގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ.

ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާއިރު، މިއަދު މެންދުރުން ފެށިގެން އިރުއޮއްސުމާ ހަމައަށް މާލެ ސަރަހައްދާއި އދ އަތޮޅަށް ވަނީ ވާރޭ ވެހި، ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު ނެރެފައެވެ.