ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު ދަންމާލައިފިއެވެ.

ވައި ގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ހެނދުނު 10:00 އިން 14:00 އަށެވެ.

މި ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މިއަދު މާލެ ސަރަހައްދަށް އަވި ދީފައިވާއިރު، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށް ކަމަށް މެޓް އޮފީހުން ބުނެއެވެ.

އެގޮތުން، މާލެއަށް އެކަނި ވެސް 89.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ދެވަނަ އެންމެ ބޯކޮށް ވާރޭ ވެހުން ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އއ. ތޮއްޑޫއަށެވެ.

އެ ރަށަށް 70.6 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 63.4 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.