ޕާކިސްތާނުގެ 78 މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެ ގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ވަނީ، ޕާކިސްތާނުގެ ރައީސް އަލީ ޒަރުދާރީއަށާއި، ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށާއި، ޕާކިސްތާނުގެ އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
އަދި ޕާކިސްތާނުގެ އަމާންކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަމަށް އެދިވަޑައިގެންނަވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެމިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ނައިބު ރައީީސް ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ، ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައެވެ.
ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

