ސައިބާ ސެކިއުރިޓީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުހައްމަދު އަލް ކުވައިތީ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް މުއިއްޒުގެ އަރިހަށް ޑރ. މުހައްމަދު އަލް ކުވައިތީވަނީ މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި އެ މަނިކުފާނު ވަނީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާއަށް މަރުހަބާ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ރައީސް މުއިއްޒާއި ޑރ. މުހައްމަދު އަލް ކުވައިތީ ވަނީ ޑާޓާ ޕްރޮޓެކްޝަނާއި ސައިބާ ސެކިއުރިޓީއާއި މިސްއިންފޮމޭޝަން އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

އަދި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުވުމަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވާފައެވެ.

ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުސަތުތައް ފާހަގަކުރައްވައިފައެވެ.

އެއީ ދެ ގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަމުގެ ގުޅުމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫއޭއީން މިހާރު ކުރިޔަށްގެންދަވާ މަޝްރޫއު ފާހަގަކުރެއްވިއެވެ.

އަދި އެކަމަށް ޓަކައި އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންގެ ދުރުވިސްނުންފުޅާއި ލިޑަޝިޕް އަދި ދެ ގައުމުގެ ދެމެދު އިސްތިރާޖީގޮތުން ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރެއްވިއެވެ.