ވައިގަދަ ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.
މެޓުން އެ ސަރަހައްދަށް އެންމެ ފުރަތަމަ ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 13:00 އިން މިރޭ 19:00 އަށެވެ.
ނަމަވެސް މިހާރު އެ އެލާޓް ވަނީ މިރޭ 23:00 އާއި ހަމައަށް ދަމަހައްޓާފައެވެ.

މެޓުން ބުނީ، މި އެލާޓްގެ ވަގުތުގައި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

 

މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގުމޫސުމުގެ ވިއްސާރައިގައި ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.