ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި ތިން ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެއެވެ.
ނަމަވެސް، އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.
އެހެންވެ، އާބަން އައިލްގައި ބުޓީކް ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ސެޕްޓެމްބަރު 1، 2024 ގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަންވާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އީއޯއައިތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، business@hdc.mv އަށެވެ.
މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން https://www.hdc.mv/announcements/ ލިބެން ހުންނާނެއެވެ.
އަދި އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.

