ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއާގެ ރިޔާދަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޒަމީރު ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީގެ ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ފޮނުއްވި ސިޓިފުޅު ދެއްވަވާނެއެވެ.

އަދި ސައުދީ އާއި ރާއްޖޭގެ ގާތް ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރައްވާނެއެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ސައުދީ ސަރުކާރުގެ ހޫނު މަރުހަބާއާއި، ހާއްސަ މެހެމާންދާރީއަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަދި އެ ގައުމުގެ ފޮރިން މިނިސްޓަރާއި ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންނާއިއެކުގައި ބިނާ ކުރުވަނިވި މަޝްވަރާތަކެއް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ރާއްޖެއާއި ސައޫދީއާ ދެމެދު ސިޔާސީ ގުޅުމަށް 43 އަހަރު މި އަހަރު ފުރޭނެއެވެ.