އެމްޑީޕީގެ ސަރުކާރުން ފަޅުން ދީފައިވާ ގޯތިތަކަކީ އުފެދުމުގައި ވެސް ބާތިލު ގޯތިތަކެއް ކަމަށާއި، ގާނޫނާ ހިލާފަށް ދީފައި ހުރި ގޯތިތައް އަތުލަންވީ ކަމަށް ރައްޔިތުންގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާބަން ސެންޓަރުތަކުގެ ބިލަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ އޭނާ ގާނޫނު އެއްކޮޅުން އަނެއް ކޮޅަށް ވިދާޅުވިއިރު ވެސް، ފަޅުން ގޯތި ދޭ ވާހަކަ އޮތް ގާނޫނެއް ނެތް ކަމަށެވެ.
”ގާނޫނާ ހިލާފަށް ދީފައި ހުރި ގޯތިތައް އަތުލައްވަންވީނޫންތޯ؟ ކީއްކުރަންތޯ އެ ގޯތިތައް ދީފައި ހުރީ ރަނގަޅަށް ކަމަށް ހައްދަވައިގެން ހުރިހާ ގޯތިތަކެއް ދޭން މި އުޅެނީ؟“ އައްބާސް ސުވާލު އުފެއްދެވިއެވެ.
އޭނާ ވިދާޅުވީ ގާނޫނުގައި ކަނޑުންނާއި ފަޅުން ގޯތި ދެވޭނެ ވާހަކައެއް ނެތް ކަމަށާއި، އެގޮތަށް ދީފައިވާ ގޯތިތައް ނަންގަވަންވީ ކަމަށެވެ.
މިސާލެއް ނަންގަވައި އައްބާސް ވިދާޅުވީ، ނ.ވެލިދޫގެ ބިން ފުރި ހިއްކާނެ ޖާގަ ނެތް ހިސާބަށް ދިއުމުން ދެން އެ ރަށު މީހުން ބިން ހޯދަން ދާން ޖެހެނީ އެހެން ރަށަކަށް ކަމަށެވެ.
”އެކަމަކު މި މާލޭގައި ދިރިއުޅޭ މީހެއް ވެއްޖެއްޔާ، އެއީ ހަތަރު ކަށިމަތި މާލޭ މީހެއް ވެއްޖެއްޔާ މާލެ އަތޮޅުން ހިއްކާ ފަޅުން ވެސް ހިލޭތޯ އެމީހަކަށް ބިން ދެއްވަން ވަނީ؟ މިއީ ކޮންފަދަ ކަމެއް؟“ އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ބިން ހިއްކަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށާއި، އެ ބިންތައް މާލޭގެ ރައްޔިތުންނަށް ހިލޭ ސާބަހަށް ބަހާލުމަކީ އޭނާގެ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

