އިދިކޮޅު އެމްޑީޕީން ދިވެހިރާއްޖެ ތަރައްގީ ކުރުމުގެ ވާހަކަ ނުދެއްކުން ރަނގަޅުވާނެ ކަމަށާއި، އެއީ އެ ޕާޓީއަށް ކުރެވޭނެވަރުގެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ(އައިބީ) ‏‏ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގޯތި ދޫކުރީ ވެސް ކަނޑާއި ފަޅުން ކަމަށާއި، އެ ޕާޓީން ރާއްޖެ ތަރައްގީ ކުރުމުގެ ވާހަކަ ނުދެއްކުން ރަނގަޅުވާނެ ކަމަށެވެ.

”ތި ބޭފުޅުންނަށް މި ގައުމު ހަލާކު ކުރެވޭނީ، މި ގައުމުގެ ޒުވާނުން ހަލާކު ކުރެވޭނީ، މި ގައުމުގެ ފަނޑިޔާރުގެތައް ހަލާކު ކުރެވޭނީ.“ އައިބީ ވިދާޅުވިއެވެ.

އައިބީ ތުހުމަތު ކުރެއްވި ގޮތުގައި، ރާއްޖޭގައި ވައްކަމާ ފޭރުމާއި، ހިޔާނާތާއި މިފަދަ ބޮޑެތި ކުށްތައް އާއްމުވެގެން ދިޔައީ އެމްޑީޕީގެ ވެރިކަމުގައެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ، ދިވެހި ރައްޔިތުންނަށްޓަކައި އިޖްތިމާއީ އަދާލަތު ގާއިމު ކުރެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ދަތުރު ކުރެއްވިއިރު ވެސް ކުރީ ސަރުކާރުން އެއްވެސް ރަށެއްގައި ހިންގަވައި، ނިންމެވި މަޝްރޫއުއެއް ފެނިވަޑައިގެންފައިނުވާ ކަމަށެވެ.