ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި އެންމެންގެ ވަނަވަރު އާންމުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހަތް މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ވަނީ މިއަދު އެ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.

އެއީ ޝަމާލް ހުސައިން (21އ) ތ. ގާދިއްފުށި، ޒަޔާން ނަސީރު (23އ) – އދ. މާމިގިލި، އަބާން އަބްދުއްހަންނާން (23އ) – ތ. ދިޔަމިގިލި، ރަޖުވާން ލަތީފް (22އ) – ލ. މާމެންދޫ، މިދުހަލު އާދަމް (24އ) – ރ. އަލިފުށި، މުހައްމަދު ޖަޒްލާން (22އ) – ލ. ގަން، އަހްމަދު މައިސާން ހާޝިމް (20އ )- ކ. މާލެއެވެ.

ފުލުހުން މީގެ ކުރިން ވަނީ ރ. އަލިފުއްޓަށް އުފަން މިދުހަތު އާދަމާއި ލ. ގަމަށް އުފަން މުހައްމަދު ޖަޒްލާނާއި އދ. މާމިގިއްޔަށް އުފަން ޒަޔާން ނަސީރުގެ ވަނަވަރު އާންމުކޮށްފައެވެ.