މިސަރުކާރަކީ އިސްލާމްދީނަށް ނަސްރުދޭނެ ސަރުކާރެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ޖަމުއިއްޔަތު ތުފޫދުލް ހަރަމްގެ ރައީސް ޑރ.ހަމްދާން ބިން ހުމައިދު ބިން ބުރައިކް އައްސުލަމީއެވެ.
މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނުގެ ޚިދުމަތް ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި ސާބިތުވެ ދެމިތިބޭނެ ކަމަށެވެ.
އަދި މި ވެރިކަމުގައި މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ދީނުގެ ކަންކަން ހަރުދަނާ ކުރުމަށް ވަރަށް ގިނަ އިރުޝާދުތައް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވަވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ ކަންތައްތަކާ ހާސިލު ކުރަމުން ގެންދާ އެންމެހާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ކަމަށެވެ.

