އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ދަރިފުޅާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރާފައިވާތީ، މިނިސްޓަރު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުންދާ މިނިސްޓަރު ސައީދުގެ ދަރިފުޅާމެދު އަމަލުކުރި ގޮތަކާމެދު ހިތްހަމަނުޖެހިގެން އެ ސްކޫލުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޓީޗަރެއް ޑީޕޯޓްކުރަން މިނިސްޓަރު މަސައްކަތްކުރާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވަނީ ދޮގު ޚަބަރު ފަތުރައި ތުއްތު ދަރިފުޅުގެ މުޅި ތައުލީމީ ހަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ސިޔަސީ ގޮތުން ފާޑު ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް އުމުރުން އެންމެ ހަތަރު އަހަރުގެ ދަރިފުޅުގެ ތައުލީމީ ހަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލައި، ދޮގު ޚަބަރު ފެތުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.