ދިވެހިރާއްޖޭގެ މިސްރާބު މިހާރު ހުރީ ސްރީލަންކާ ދިޔަ ހާލަތަށް ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ވިދާޅުވީ އެކްސްގައި ހިންގާ ”ހަސަން ކުރުސީ“ގެ އެކައުންޓުން ވެސް މިހާރު ގޮވާލަމުން ދަނީ ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް، ރައީީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމުގައި ޑޮލަރެއް ނެތް ކަމަށާއި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

މަލީހު މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމި ނިންމުމާ ގުޅުވައިގެންނެވެ. އެ ނިންމުން ބޭންކުން ފަހުން ބަދަލު ވެސް ކުރިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެއީ ސަރުކާރާ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތި ބޭންކުން ނިންމި ނިންމުމެއް ކަމަށެވެ. ބީއެމްއެލްގެ ނިންމުމާ ގުޅިގެން، ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުތުމަށް ގޮވާލައި އިދިކޮޅުން ހިންގި ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.