މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގެ ލޭނެއް މަދުނަމަ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ވާހަކަ ނުދެއްކެވީ ކީއްވެތޯ، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ސުވާލު ކުރައްވައިފިއެވެ.

ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިންގި ސިނަމާލެ ބްރިޖު މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން މި ދުވަސްވަރު ދައްކަމުން އަންނަ އެއް ވާހަކަ އަކީ، ބްރިޖުގައި ހިމަނަން ނިންމި ”ބައިސްކަލު ދުއްވާ ލޭން“ މަދު ކަމަށް ބުނެ ދައްކާ ވާހަކައެވެ.

މި ވާހަކަ ރައީސް މުއިއްޒު ވަރަށް ފަހުން ދޮގު ކުރައްވައި، ބްރިޖުގެ ލޭނުގެ އަދަދަށް އެއްވެސް ބަދަލެއް ނާންނަކަން ކަށަވަރު ކޮށްދެއްވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފު ވަނީ ލޭނު މަދު ކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް، ސިޔާސީ ވާހަކަތަކެއް ކަމަށް ވިދާޅުވެ، 06 އަހަރު ވަންދެން އެ ވާހަކަ ނުދައްކާކަން ފާހަގަކުރައްވާފައެވެ.

”ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ދޮގު ހަދައިގެން އެތައް ވާހަކައެއް ރައީީސް މުއިއްޒުއާ ދެކޮޅަށް ފަތުރަމުން ދިޔައިރު ވެސް، ތިޔަ ލޭނެއް މަދުވި ވާހަކައެއް ނުދައްކާ؟ ލޭން މަދުވާނަމަ، ކީއްވެ ޗައިނާއިން އެ ވާހަކަ ނުދައްކަނީ؟“ އާދަމް ޝަރީފު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފު ވަނީ ދޮގު ވާހަކަތައް ފަތުރައިގެން ސަރުކާރުގެ ފޯކަސް ގެއްލުވާ ނުލެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ދަރަނިތައް އަދާ ކުރަމުން، މި ސަރުކާރު ދާނީ ކުރިއަށް ކަމަށާއި، ރައީީސް މުއިއްޒު އެ ސާބިތު ކޮށްދެއްވަނީ ކެތްތެރިކަމާއިއެކުގައި، ވަރުގަދަ އަޒުމުގައި ކުރިއަށް ވަޑައިގަތުމުގެ އަޒުމެއްގައި ހުންނެވިކަން ކަމުގައެވެ.

އުއްމީދު ކުރައްވަނީ، ދަރަނިތައް ދައްކަމުން، ގައުމާއި ރައްޔިތުންނަށް އުއްމީދީ ދުވަސްތަކެއް ފެނިގެން ދިޔުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.