ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އިރުޝާދުގެ ދަށުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އާންމު ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މިއަދު މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ، ވަކިތަންތަނަށް ހާއްސަކޮށްގެން އިއްޔެ ފަށާފައިވާ މި އޮޕަރޭޝަންގައި ވަނީ މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް މިފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.
މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ހިމެނޭ މިފަދަ ހުރިހާ ބިދޭސީން އުޅޭ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި މިފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާ އިން ބުނެއެވެ.

