ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނިގޮތުގައި، ވިއްކުމަށް ހުޅުވައިލި ބިންތަކުގެތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ ބިމެވެ.
އެގޮތުން، ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެއެވެ.
އެޗްޑީސީން ބުނީ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށެވެ.
ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ. ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާއެވެ.
އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާއެވެ.
ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެއެވެ.
މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެންހުންނާނެއެވެ.
އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

