ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، ފައިސާ ފޭރުނު މައްސަލާގައި ދެ މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ، ޖުލައި މަހުގެ 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފާކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާފައިވަނީ ގ. އޯލްޕެރިސް، އަހްމަދު މިހާދު (44އ) އާއި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ)ގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

