ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކޮށް ވިއްކުމުގެ ވިޔަފާރީގައި ވަރަށް ހީވާގިކަމާއެކުގައި ފައިހަމަކުރަމުން އަންނަ ޒުވާނާ، އައިޝަތު ނަޖާ ތައްޔާރު ކުރާ އެކި ވައްތަރުގެ ފޮނިކާތަކެތީގެ ރަހައިން، މުޅި އައްޑުއަށް ފޮނިކަން ގެންނަމުންދާތާ ހަތަރު އަހަރު ވެއްޖެއެވެ.

Ads by Asuru

އެތައް ވަގުތެއް ހުސްކޮށްގެން، ނަޖާ ތައްޔާރު މި ކުރަނީ ކޮންމެ މީހަކު ވެސް ކުޅުދިޔާ ކޮށްލާފަދަ ތަކެއްޗެކެވެ. ފޮނި އެއްޗެހި ކެއުމަށް ލޯބި ކުރާ މީހަކަށް ކަމުދާނެ އެތައް ބާވަތެއް، ”ނަޖް ބޭކްސް“ އިން ފެންނާން އެބަހުއްޓެއެވެ.

ނަޖްބޭކްސްގެ އުފެއްދުމެއް

ނަޖްބޭކްސްއަށް ކަސްޓަމަރުންގެ ތަރުހީބު ބޮޑެވެ. ނަޖާ ތައްޔާރު ކުރާ ހުރިހައި އެއްޗަކަށް ވެސް ކަސްޓަމަރުންގެ ތައުރީފު ލިބޭއިރު، އޭނާ ބުނާގޮތުގައި، މިދުވަސްވަރު އެންމެ ގިނައިން އޯޑަރު ލިބެނީ ބާންޓް ބާސްކް ޗީޒް ކޭކްއަށެވެ.

މިއީ މިހާރު ރާއްޖޭގައި ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުން އަންނަ، ޗީޒް ކޭކެކެވެ.

 

ނަޖް ބޭކްސްގެ ބާސްކް ޗީޒް ކޭކް

ވަރަށް ފަހުން ނަޖާއަށް ވަނީ އޭނާގެ ލޯބިވާ އަލަތު ދަރިފުޅު ލިބިފައެވެ.

އެހެންވެ، އޭނާ މިވަގުތު ހުރީ ކޭކު އެޅުމުން ބްރޭކެއް ނަގައިގެންނެވެ.

ބްރޭކެއް ކަމުގައި ވިޔަސް، އަދިވެސް ވަރަށް ތަފާތު އެތައް ރަހައެއް އޭނާ ގެންދަނީ ތައްޔާރު ކުރަމުންނެވެ.

ދަރިފުޅުގެ ކަންކަމަށް ވަގުތު ހުސް ކުރާތީ، މި ދަނޑިވަޅުގައި ޑެލިވަރީގެ ހިދުމަތް ނުދެވުނަސް، ޕިކްއަޕް ކުރާ ގޮތަށް އޯޑަރު ދެވޭނެއެވެ.

ނަޖާ، އޭނާ ތައްޔާރު ކުރި ޗީޒްކޭކް ފޮއްޗެއް ހިފައިގެން

ނަޖް ބޭކްސް އިން މިހާރު ވެސް އޯޑަރު ކުރެވޭނެ ބައެއް ބާވަތްތައް:

 

ކްލެސިކް ބްރައުނީސް

ކުނާފާ ބްރައުނީސް

ޓިރަމިސޫ

ބާންޓް ބާސްކް ޗީޒް ކޭކް

ޕިސްޓާޝިއޯ ކުނާފާ ޗޮކްލެޓް

ނިއުޔޯކް ސްޓައިލް ޗީޒް ކޭކް

މީގެ އިތުރުން ވެސް އެކި ވައްތަރުގެ ރަހަމީރު ޗޮކްލެޓް ޕުޑިން ވެސް ނަޖާ ތައްޔާރު ކުރެއެވެ.

 

ނަޖް ބޭކްސްގެ ފަޖް ބްރައުނީސް

ނަޖް ބޭކްސް ވުޖޫދަށް އައީ ކިހިނެއް؟

މިހައި ގިނަ ވައްތަރުގެ ޑިޒަޓް ތައްޔާރު ކުރަން ނަޖާގެ ހިތުގައި އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނީ، އޭނާގެ ދައްތަ ކުރާ މި މަސައްކަތް ފެނިގެންނެވެ.

ނަމަވެސް ވިޔަފާރިއެއްގެ ގޮތުގައި މިކަން ނުފެށި އުޅެނިކޮށް، މާހެފުމަކަށް ނަޖާ އާއި އޭނާގެ ފިރިމީހާގެ ކަޒިންސް އެކުގައި، މަޖަލަކަށް ކޭކެއް އެޅިއެވެ. ފިރިމީހާގެ ރަށުގައި އެޅި މި ކޭކު ވެގެންދިޔައީ ނަޖާގެ ވިޔަފާރި ވުޖޫދުވުމުގެ ބިންގަލަށެވެ. މި މަސައްކަތް ނަޖާ ފުރަތަމަ ފެށީ ވެސް ފިރިމީހާގެ ރަށުގައެވެ.

”ފިރިމީހާގެ އާއިލާ އިން ބުނީ ކޭކު އަޅަން ފަށަން، އެ ހުނަރު އެބަހުއްޓޭ، ފެށިއިރު، ފިރިމީހާގެ ރަށުގައި މިކަން ކުރާ، މާ ތަޖުރިބާހުރި މީހުން ތިބުންވީ ވަރަށް ބޮޑު ގޮންޖެހުމަކަށް. އެކަމަކު ވެސް ހަމަ ފެށީ.“ ނަޖާ ބުންޏެވެ.

ނަޖް ބޭކްސްގެ ފަޖް ބްރައުނީއެއް

ކޭކު އަޅަމުން ފެށި ވިޔަފާރިއަށް، އުފެއްދުންތައް އިތުރު ކުރުމަށްޓަކައި އަމިއްލައަށް އުނގެނުމަށް ޔޫޓިއުބް ވީޑިއޯތަކާ ޓިކްޓޮކް ވީޑިއޯތަކުން އާ އުފެއްދުންތައް ތައްޔާރު ކުރާނެ ގޮތްތައް ދެނެގަނެ، ރަހަތައް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ނަޖާ ދަސްކުރިއެވެ.

އިންޓަރނެޓްގެ އެކި މަންސަތަކުން ހޯދާ މައުލޫމާތު ބޭނުންކޮށްގެން ނަޖާ އޭނާގެ ހުނަރު ތަރައްގީ ކުރަން އަބަދުވެސް މަސައްކަތް ކުރެއެވެ.

ނަޖް ބޭކްސްގެ ބްލޫބެރީ ޗީޒް ކޭކެއް

ނަޖްބޭކްސްގެ ފޮނި ކާމިޔާބީގެ އަސްލަކީ؟

ނަޖާ ބުނީ، ކަސްޓަމަރުންނާ ހަމައަށް މީރު ރަހަތައް ގެނައުމަށްޓަކައި، އޭނާގެ އުފެއްދުންތައް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.

އެގޮތުން ރިސާޗުކޮށް، އަމިއްލައަށް އުނގެނުމުގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ.

ނަޖް ބޭކްގެ ކޭކެއް

ނަޖް ބޭކްސް ވުޖޫދަށް ގެނައުމުގައި، ނަޖާގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑެވެ. އެކަމަށް އިންވެސްޓް ކޮށްދިނީ ފިރިމީހާއެވެ. ނަޖާ ބުނީ ކޭކު އެޅުމުގެ ހިޔާލު ދީ، ސަޕޯޓު ދިންކަމަށްޓަކައި ފިރިމީހާގެ އާއިލާއަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ނަމަވެސް އޭނާގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މަންމަގެ ނަމެވެ.

”ބޭބީއެއް އޮންނައިރު، މަންމަގެ އެހީއާ ނުލައި މިކަމެއް ނުވީީސް. ކޮންމެ ދުވަހަކު މި ލިބޭ ކުރިއެރުމުގައި މަންމަގެ އެހީތެރިކަން ވަރަށް ބޮޑު.“ އޭނާ ބުންޏެވެ.

ނަޖް ބޭކްސްގެ ބާސްކް ޗީޒް ކޭކެއް

 

ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނީ ބޮޑެތި ހުވަފެން ދެކިގެންނެވެ. ނަޖާގެ ހުވަފެނަކީ އޭނާގެ ކުޑަ ވިޔަފާރި ފުޅާކޮށް ކުޑަ ކެފޭއެއް ނުވަތަ  ބޭކަރީއެއް ހުޅުވުމެވެ.

ގޭގައި މިފަދަ މަސައްކަތް ފަށަން ބޭނުންވާ މީހުންނަށް ނަޖާ ބުނަން ބޭނުންވަނީ ޝައުގުވެރިކަމާއެކު، ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް މިއީ ވާނެ، ކުރެވޭނެ ކަމެއް ކަމަށެވެ.

ބޭނުންވަނީ ތަފާތު ހިޔާލަކާއި، އެއްހާސް ފަހަރު ފެއިލް ވިޔަސް ވަރުބަލި ނުވާނެ ފަދަ ހިތްވަރަކާއި، ނުގުޑާ ފަދަ އަ‏ޒުމެކެވެ. ނަޖާ ވެސް ބުނަނީ ފެއިލް ނުވެ، ކާމިޔާބު ނުވާނެ ކަމަށެވެ.

 

ނަޖްބޭކްސްގެ އުފެއްދުމެއް

މި ނޫހުން އެދެނީ، ނަޖްބޭކްސް އަށް އިތުރު ކާމިޔާބީއާ ކުރިއެރުމަށެވެ.