އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓުގައި، ފެންނަ ފެނުމަށް ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔަ، ކްރިސް ވަޓްސް އޭނާގެ ދެދަރިންނާއި، މާބަނޑު އަނބިމީހާ މަރާލި ވާހަކަ އަކީ ގިނަ ބަޔަކު އަހާފައިވާނެ ވާހަކައެކެވެ.

Ads by Asuru

ކްރިސްއަށް އޭނާ ކުރި ކުށުގެ ސަޒާ ޖަލުގައި ލިބެމުން އަންނައިރު، އޭނާ ވަނީ އެ އަނިޔާވެރި އަމަލު ހިންގި ގޮތް، ވަރަށް ތަފްސީލުކޮށް ލިޔުންތެރިއަކަށް ކިޔައިދީފައެވެ.

”ދަ މާޑަރސް އޮފް ކްރިސް ވަޓްސް“ މިފޮތަކީ އޭނާ ކިޔައިދިން ވާހަކައިގެ މައްޗަށް ނެރުނު ފޮތެކެވެ. އަދި މި އަނިޔާވެރި ވާހަކައިގެ ޑޮކިއުމެންޓްރީއެއް ނެޓްފްލިކްސްއިންވެސް ދެއްކިއެވެ.

ދަރިންނަކީ އިންސާނުންނަށް މިދުނިޔޭގައި ލިބޭ އެންމެ އަގުހުރި އެއް ނިއުމަތެވެ. މިކަން އެންމެ ބޮޑަށް އިނގޭނީ އެ ނިއުމަތް ނުލިބޭ ބަޔަކަށެވެ. ނަމަވެސް ކްރިސް ވަނީ، އޭނާގެ އާއިލާ، އަމިއްލަ ދެއަތުން ނައްތާލާފައެވެ.

ކްރިސް ވަޓްސް، އޭނާގެ އަނބިމީހާާ އާއި ދެ ދަރިންނާއެކުގައި–

ފޮޓޯއިން އެ ފެންނަނީ ކްރިސް ވަޓްސްއާއި އޭނާގެ އަންހެނުން ޝެނަން ވަޓްސް އަދި ދެ ދަރިން ކަމުގައިވާ ބެލާ އާއި ސެލެސްޓްއެވެ. ބެލާ މަރާލިއިރު ހަތަރު އަހަރެވެ. ސެލެސްޓްއަށް ތިން އަހަރެވެ. ކްރިސް އޭނާގެ އަނބިމީހާއާއި ދެ ދަރިން މަރާލީ، އެހެން މީހަކާއެކުގައި މުޅިން އާ ދިރިއުޅުމެއް ފެށުމުގެ ބޭނުމުގައިކަން އޭނާ ފަހުން ވަނީ ކިޔައިދީފައެވެ.

ޖަލުގައި ހުރެ ލިޔުނު ސިޓީއެއްގައި، އުމުުރުން މިހާރު 37 އަހަރުގެ ކްރިސް ބުނީ، އޭނާ އަނބިމީހާއާ ދަރިން މަރާލީ ދުރާލައި ރާވައިގެން ކަަމަށެވެ. އެގޮތުން އެ ނުބައި ޖަރީމާ ހިންގުމުގެ ދެ ހަފްތާވަރު ކުރިން، އެކަން ކުރަން ނިންމިކަންވެސް ހާމަކުރިއެވެ. އަދި ދެ ދަރިން މަރާލެވުނީ، ދެ ފަހަރު އުޅެގެންކަމަށްވެސް ކިޔައިދިނެވެ.

އެގޮތުން އެންމެ ފުރަތަމަ، އެ ދެކުދިން ނިދާފައި އޮއްވާ ބާލީހަކުން، އެކުދިންގެ ނޭވާ ހާސްކުރަން އުޅެނިކޮށް އެކުދިންނަށް ހޭލެވުނީއެވެ. ފަހުން އޭނާ އެ ދެކުދިން މަރާލީ، އެމީހުންގެ މަންމަ މަރާލުމަށްފަހުގައެވެ. ކްރިސް އޭނާގެ އަނބިމީހާ މަރާލީ ކަރުގައި ހިފައި، ނޭވާ ހާސްކޮށްލައިގެންނެވެ.

ކްރިސް އޭނާގެ ކުޑަ ކުޑަ އާއިލާގެ އެންމެން މަރާލީ 2018 ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ.

ޝެނަން އާއި ދެ ދަރިން މަރާލުމަށްފަހު، އެމީހުން ގެއްލިގެން އުޅޭ ކަމަށް ހަދައި، ކްރިސް އެންމެ ފުރަތަމަ އެވާހަކަ އާއިލާއާ ހިއްސާ ކުރިއެވެ.

އެންމެ ފަހުން ފުލުހުންވެސް ޝެނަންއާއި ދެ ދަރިން ހޯދުމުގެ މަސައްކަތް ފެށިއެވެ. ކްރިސް ވަނީ ޝެނަން ދަރިން ގޮވައިގެން އެނބުރި ނާންނާތީ، އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށް ބުނެ ލޯކަލް މީޑިއާއަކަށް އިންޓަރވިޔުވެސް ދީފައެވެ.

ފުލުހުންނަށް ކްރިސްއަށް ޝައްކު ކުރެވެން ފެށީ އޭނާ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކުމުންނެވެ. ފުރަތަމަ ބުނީ ދެމަފިރިން ކުރި ޒުވާބަކަށް ފަހުގައި ޝެނަން ދެ ދަރިންނާއެކު ރައްޓެއްސެއްގެ ގެޔަށް ދިޔައީ ކަމަށެވެ. އެހެން ބުނިއިރު، އޭނާގެ ޕާހާއި ފޯނު ފަދަ އެންމެ މުހިންމު ތަކެތި ގެއިން ވަނީ ފެނިފައެވެ. މިފަދަ ކަންކަމާހުރެ މި ކޭސްގެ ތަހުގީގުގެ އެންމެ ކުރީކޮޅުގައިވެސް ފުލުހުންގެ އެއް ސަސްޕެކްޓަކީ ކްރިސްއެވެ.

ކްރިސް އޭނާގެ އަނބިމީހާއާއި ދެ ދަރިން މަރާލިތާ ތިން ދުވަސް ފަހުން، އޭނާއާއެކުގައި މަސައްކަތް ކުރި ނިކޯލް ކެސިންޖާ ކިޔާ އަންހެނަކު ވަނީ ފުލުހުންނަށް ގުޅައި، އޭނާއާ ކްރިސްއާ ދެމެދު ގުޅުމެއް އޮތްކަން ހާމަކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުން ކްރިސްގެ މައްޗަށް ކުރަމުން އައި ތުހުމަތު ޔަގީންވީ އެހިސާބުންނެވެ. އޭގެފަހުން ކްރިސްވެސް ވަނީ ކުށްތަކަށް އިއުތިރާފުވެފައެވެ. އޭނާ ކޯޓުގައިވެސް ކުށަށް އިއުތިރާފުވިއިރު، ޝެނަންގެ އާއިލާގެ މެމްބަރުންނާއި، ބައްޕަ ކޯޓު ރޫމުގައި ހުރެގެން ގިސްލާ ރުއި މަންޒަރު ވީޑިއޯތަކުން ފެނުނެވެ.