ރައީސް ޔާމީން އަބްދުލްގައްޔޫމަށްވުރެ ބޮޑަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަކީ މަޝްވަރާ ކުރައްވާ ވެރިއެއް ކަމަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by Asuru

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ބޭފުޅުންނަށް ގަބޫލުފުޅު ކުރައްވަން ކިތަންމެ ދަތިވިޔަސް، ރައީސް ސޯލިހުގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަހްލާގް ހުރިވަރާ ގާތަށްވެސް ރައީސް ޔާމީންގެ ކިބައިގައި އެ އަހްލާގު ނެތް ކަމަށް އެބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެންމެން ދަންނަ ހަގީގަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވިއިރު، ރައީސް ސޯލިހުއާއި މާތް ނަބިއްޔާ މުހައްމަދު (ސ.އ.ވ)އާ އެއްފަދަކުރާ ފަދަ މޭރުމަކުން،  އޭނާ ދާދި ފަހުން ދެއްކެވި ވާހަކައަށް ވަަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

އިމްރާން ވަނީ ރައީސް ސޯލިހުގެ ވެރިކަމުގެ ސިފަތަކާ ނަބިއްޔާ(ސ.އ.ވ)ގެ ވެރިކަމުގެ ސިފަތަކާ އެއްގޮތްކޮށް ވާހަކަ ދައްކަވާފައެވެ.