އުރީދޫ ނޭޝަން އިން ކުރިއަށް ގެންދާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 2 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާ އެކު ކުރިއަށް ގެންދާ މުބާރާތެކެވެ. އުރީދޫން ބުނި ގޮތުގައި މި ސީރީޒަކީ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ ސިލްސިލާ މުބާރާތެކެވެ.
އެކުންފުނިން ބުނީ އެ ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި މިހާރު ހުޅުވާލާފައި ވަނީ ދެވަނަ ކޮލިފައިން ސީރީޒް ކަމަށެވެ. އެ ސިރީޒްގައި ބައިވެރިވެވޭނީ އޮންލައިން ކޮށެވެ. އަދި ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150ރުފިޔާގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ މި މަހުގެ 17 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 2 ގެ އެއް ވަނަ ޓީމަށް 10،000ރުފިޔާ، ދެ ވަނަ ޓީމަށް 3،000 ރުފިޔާ އަދި ތިން ވަނަ ޓީމަށް 2،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ ކޮންޓެންޑާ ސީރީޒް 1 ގައި ވާދަކުރި 16 ޓީމުގެ ތެރެއިން ތިން ޓީމު މިހާރު ޗެމްޕިއަންޝިޕަށް ކޮލިފައިވެފައިވާ ކަމަށެވެ. އެ ކޮންޓެންޑާ ސީރީޒުން އެއް ވަނަ ހޯދީ އާރް ޖީސީ ޑެނޯ ޓީމެވެ. ދެ ވަނަ ހޯދީ ކޭއެޗް އީސްޕޯޓްސް އެވެ. އަދި ތިން ވަނަ ހޯދީ އެލްއެންއެން ސްޕީޝީސ އެވެ.
އުރީދޫގެ ޕަބްޖީ ޗެމްޕިއަންޝިޕަށް ދާނީ ކޮންމެ ކޮންޓެންޑާ ސީރީޒަކުން ކޮލިފައިވާ ތިން ޓީމެކެވެ.