މިއަހަރުގެ ޖުލައިމަހު ތަސްދީގު ކުރެއްވި ހެއްކާބެހޭ ގާނޫނާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެ ގާނޫނު އަލުން އިސްލާހުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ ”މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022“ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ {ށ} އަށް، ގެނެވުނު އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވޭކަމަށެވެ. އެކަމާގުޅޭގޮތުން އެމަނިކުފާނު މީޑިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ނޫސްވެރިކަމަށް ގާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން، ”އަބުރު ރައްކާތެރިކުރުމުގެ ނަމުގައި“ އޮތް ގާނޫނު މި ސަރުކާރުން އުވާލައްވައި ނޫސްވެރިންނަށް މިކަމުގައި އޮތް ކަނބޮޑުވުން ވެސް ހައްލު ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ މަސައްކަތްތައް ފެށިގެން އައި ގޮތުގެ މައްޗަށާއި ޓީވީއާ ރޭޑިޔޯއިން ރާއްޖޭގެ މުޖުތަމައުއަށް ގެނެސްދިން ރަނގަޅު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ހަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރު-ބުލޫ އިބްރާހީމް މަނިކް އަދި އަލް މަރްހޫމާ ޒާހިދާ އިބްރާޙިމުގެ އެވޯރޑް ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން އާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ބްރޯޑްކާސްޓް ދާއިރާ ހިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.