ހިޔާލުތަފާތުވާ ކޮންމެ މީހަކު ކާފިރު ކޮށްގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުތުބާގައި ނަސޭހަތް ދެއްވި މައުޟޫއު އަކީ ދެބަސްވުމުގެ އަދަބުތަކެވެ. ޚުތުބާގައި ވަނީ މާތް ރަސްކަލާނގެ އުފެއްދެވި ތަކެތި ތަފާތުކޮށް، އެކި ޖިންސުތަކަށް ލައްވާފައިވަނީ އެއިން ފައިދާ ލިބިގަތުމަށް ކަމަށެވެ. ދީނުގައި ގޮވާލަނީ، ރަނގަޅު ގޮތުގައި މި ތަފާތުތަކުގެ ބޭނުން ހިފުމަށް ކަމަށްވެސް ޚުތުބާގައިވެއެވެ.
ހިޔާލު ތަފާތު ވިޔަސް، ވާހަކަ ދެއްކުމުގެ އަދަބުތަކެއްވާކަން ހަނދުމަކޮށްދެއްވައި، ޚުތުބާގައި ވަނީ އެކަކު އަނެކެއްގެ އަބުރު ކަތިލައިގެން ނުވާނެ ކަމަށެެވެ.
”އެކަކު އަނެކަކުގެ އިއްޒަތާއި، ކަރާމާތަށް އަރައިގަނެގެން ނުވާނެއެވެ. އިސްލާމީ ތާރީހުގައި ފެނިފައިވާ އަދަދު ނުކުރެވޭހާ މިސާލުތަކުން އަހަރުމެންނަށް އެނގެނީ މުސްލިމުންނަކީ ހިޔާލުފާޅު ކުރުމުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން މީސްތަކުންނާ މުއާމަލާތް ކޮށްފައިވާ ބައެއް ކަމެވެ.“ ޚުތުބާގައިވެއެެވެ.
ޚުތުބާގައި ވަނީ ރާއްޖެއަކީ އިސްލާމީ ގައުމެއްކަން ފާހަގަކޮށް، އަހަރުމެން ތަބާވާން ޖެހޭނީ އިސްލާމީ އަދަބުތަކަށް ކަމަށް ވިދާޅުވެފައެވެ. އެކި މައްސަލަތަކުގައި ރައްޔިތުން މީސްމީޑިއާގައި އެކި މައްސަލަތަކުގައި ހިޔާލުތަފާތުވެ، އަރައިރުންވާތަން ފެންނަމުންދާ ކަމަށެވެ.
އެގޮތުން ދެބަސްވާ ކޮންމެ މީހަކީ މުޖުރިމަކަށް ނުވަތަ ކާފިރަކަށްވެސް ހަދައިގެން ނުވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
