ބައެއްގެ ވަޒީފާ ގެއްލިގެން ދިޔުމަކީ މާލެ ސިޓީ ކައުންސިލުގެ ނިޔަތެއް ނޫން ކަމަށް މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުއިއްޒު މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ސިޓީ ކައުންސިލުން ވެމްކޯގެ މަސައްކަތްތަކުގެ ތެރެއަށް ނުވަންނާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މާލޭގެ އާންމު ސަރަހައްދުތައް ސާފު ކުރުމަށް ސިޓީ ކައުންސިލުން ކޮންމެ އަހަރަކު 30 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށެވެ. އެއީ ވެމްކޯއަށް ދައްކަން ޖެހޭ ފައިސާއެވެ.

އާންމު ސަރަހައްދުތައް ސާފު ކުރުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށާއި، އެކަން ވެމްކޯއަށް ”އައުޓްސޯސް“ ކޮށްފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

”އެވްރެޖުކޮށް މަހަކު 2.5 މިލިއަން ރުފިޔާ އެބަދެން، ކުނި ނުނެގިއަސް އެ ފައިސާ ޑިމާންޑް ކުރޭ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 45 ވަރަކަށް މިލިއަން ރުފިޔާއަށް ބިލު ކުރި. އޭގެތެރެއިން 38 މިލިއަން ރުފިޔާ ދެވިއްޖެ.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވެމްކޯއިން މި މަސައްކަތް ކުރާއިރުވެސް، ދެ ޕިކަޕެއްގައި ސިޓީ ކައުންސިިލުގެ މުވައްޒަފުން ނުކުމެވެސް ކުނި ނަގަން ޖެހޭ ކަމަށެވެ. އެއީ އެކި ތަންތަނުން ކުނި ނުނަގައިގެން ރައްޔިތުން ޝަކުވާ ކުރަމުން އަންނާތީ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން، ކުނި ނެގުމާ ގުޅޭ އެއްބަސްވުމެއް ވެމްކޯއާއެކުގައި ހަދާފައި އޮތުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު މިހެން ވިދާޅުވިއިރު، މާލެ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމުމުން، ވެމްކޯގެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުއޮތުމުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމާ ކައުންސިލްގެ ހަރަދުގައި އެމަސައްކަތް ކުރާނަމަ، މިހާރަށްވުރެ ހަރަދުކުޑަ ގޮތެއްގައި އެކަން ކުރެވޭނެކަމަށް ބުނެފައެވެ.