ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭ ކުންފުންޏަށް ގަވައިދުގެ ދަށުން ފަހިކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމުގައި މިދިޔަ އަށް އަހަރު ވެސް މާލެ ސިޓީ ކައުންސިލުން އިހުމާލު ވެފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުުނުމުން، މާލެ ސިޓީ ކައުންސިލުގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ހަވާލު ކޮށްފައިވާ ”ނައިންޓީ ނައިން ހޯލްޑިން“ އިން އެކަން އެންމެ ރަނގަޅަށް ނުކުރާތީ، އެކުންފުންޏާއެކު ހެދި އެއްބަސްވުމަށް އަމަލު ކުރުން ހުއްޓުވުމަށް ސިޓީ ކައުންސިލުން ވަނީ ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދު ”މިހާރު“ ނޫހަށް ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލުން ކޮށްދޭންޖެހޭ ކަންކަން ކޮށްނުދީގެން ”ނައިންޓީ ނައިން ހޯލްޑިން“ އެތައް ސިޓީއެއް، މިދިޔަ ދުވަސްތަކުގައި އެ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވާ ކަމަށާއި، ސިޓީ ކައުންސިލުން ގަވައިދަށް އަމަލު ނުކުރާ ކަމަށެވެ. އަދި ވިލިމާލެއަށް ބަގީގެ ހިދުމަތް ދިނުމުގައި ކައުންސިލުން އިހުމާލުވަމުން އަންނަތާ 8 އަހަރު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޑެޕިއުޓީ މިނިސްޓަރުގެ މި ވާހަކަތަކަށް ރައްދު ދެއްވައި، ވިލިމާލޭގެ ކައުންސިލަރު ނަހުލާ ވިދާޅުވީ މިކަމުގައި އިހުމާލުވެފައި އޮތީ މާލެ ސިޓީ ކައުންސިލުގެ ކުރީގެ ދައުރުތަކުން ކަމަށާއި، މި ދައުރުގައި މަސައްކަތް ކުރަނީ، ވިލިމާލޭގެ ރައްޔިތުންނަށް ބަގީގެ ހިދުމަތް ދިނުމަށް ކަަމަށެވެ.
މިގޮތުން، މި ހިދުމަތް ދިނުމަށް ހަވާލު ކޮށްފައިވާ ކުންފުނި ނައިންޓީނައިން ހޯލްޑިންއިން އެކަން އުސޫލާ އެއްގޮތަށް ކޮށްފައިނުވާކަން ފާހަގަކުރައްވައި، ނަހުލާ ވަނީ ސިޓީ ކައުންސިލުގެ ކުރީގެ ދައުރުތަކުން އެކުންފުންޏާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ އިހުމާލުވުން ކަމަށް ވިދާޅުވެފައެވެ.
”ސިޓީ ކައުންސިލުން ނައިންޓީ ނައިން ހޯލްޑިންއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް ޓިކެޓު ކައުންޓަރުތަކެއް ނުހަދާ، ގެސްޓް ހައުސްއެއް އަޅައިގެން އުޅޭ އުޅުމަށްވެސް، ކުރީ ކައުންސިލުތަކުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ. ބަގީތައް ބަހައްޓަން، ސިނާއީ ސަރަހައްދުން ބިން ދީފައި އޮތްއިރު، ބަގީތައް ވަނީ މަގުމަތީގައި އަތުރާފައި. މިހެން މިކަން ކުއިއިރު، ކުރީ ކައުންސިލުތަކުން ފިޔަވަޅެއް އަޅާފައެއް ނުވޭ.“ ނަހުލާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއަށް ރައްދު ދެއްވައި ނަހުލާ ވަނީ، މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރު ހަވާލުވިތާ އަދި އަށް އަހަރު ނުވާކަން ފާހަގަކުރައްވާފައެވެ.
”އަދި ވީ އެއް އަހަރު. އެއް އަހަރު ތެރޭ، ތަކުރާރުކޮށް ސިޓީ ކައުންސިލަށް ހާޒިރު ކުރެވިގެންނާއި، އަދި ލިޔުމުންވެސް ނައިންޓީނައިން ހޯލްޑިންސްގެ އެމްޑީއަށް ވަނީ ކަންކަން އިސްލާހު ކުރުމަށް އަންގާ، އެކި ފަހަރު މަތިން ފުރުސަތުވެސް ދެވިފައި.“ އޭނާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ވަކި ރޫޓެއް ނެތި، ބަގީގެ ހިދުމަތް ދޭން ޓްރާންސްޕޯޓްއިން ލިޔުމެއް ސިޓީ ކައުންސިލަށް ލިބިފައިވާތީ، އެ ލިޔުމެއްގެ ކޮޕީއެއްވެސް، ނައިންޓީ ނައިން ހޯލްޑިންއަށް ފޮނުވާ، ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ދިނުމަށް ލިޔުމުން ވާނީ އެންގިފައި ކަމަށެވެ.
އަދި ކަންކަން ރަނގަޅު ނުކުރާނަމަ، އެއްބަސްވުން ބާތިލު ކުރާނެކަންވެސް ލިޔުމުން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދައުރުގެ ކައުންސިލުން ވަނީ ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ފުރިހަމަކޮށް، ނައިންޓީ ނައިން ހޯލްޑިންސްއިން އެއްވެސް ކަމެއް ރަނގަޅު ކޮށްފައި ނުވާތީ، އުސޫލުގެ ތެރެއިން އެއްބަސްވުން ބާތިލުކޮށްފައިކަން ނަހުލާ ފާހަގަކުރެއްވިއެވެ.
ސިޓީ ކައުންސިލުން ބިން ދީފައިވާނީ ޓިކެޓު ކައުންޓަރުތަކެއް އަޅައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށާއި، ގެސްޓް ހައުސް ވިޔަފާރި ކުރަން ސިޓީ ކައުންސިލުން ދިން ބިމެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”2000 އަކަފޫޓޫގެ ބިމަކީ ސިޓީ ކައުންސިލުގެ ބިމަކަށްވާއިރު، ސިޓީ ކައުންސިލުން ޓިކެޓު ކައުންޓަރުތަކެއް ހަދަން ދިން ބިމެއްގައި، ގެސްޓް ހައުސް ހަދާ، އެހެން ވުޒާރާއަކާއެކީގައި އެއްބަސްވުމެއް ހެދޭނެ އެއްވެސް އުސޫލެއް ނޯންނާނެ. ބަގީތައް ބަހައްޓަން ދިން 1،177 އަކަފޫޓުގެ ބިމުގައި ކަރޯކޭ ކުޅޭތަނެއް ހަދައި، ބަގޫތައް ވިލިމާލެ މަގުތަކުގައި ބެހެއްޓޭނެ އެއްވެސް އުސޫލެއް ނޯންނާނެ. ރައްޔިތުންގެ ދެ ބިން ނަގައިގެން، ހިދުމަތް ނުދީ ތިބެވޭނެ އުސޫލެއް ނޯންނާނެ.“ ނަހުލާ ވިދާޅުވިއެވެ.
ރައްޔިތުންގެ ދެ ބިން ނަގައިގެން، ހިދުމަތް ނުދީ، ނައިންޓީނައިން ހޯލްޑިންސްއިން، ވިލިމާލޭގެ ރައްޔިތުންނަށް ވަަރަށް ބޮޑަށް އިހުމާލުވެފައިވާ ކަަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން، ނައިންޓީނައިން ހޯލްޑިންސްއާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރަން ނިންމީ، އުސޫލުގެ ތެރެއިން ކަމަށެވެ.
ނަހުލާ ވަނީ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ، ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރު ކުރުމުގެ ދަތިކަން ހައްލުކޮށް، ވީހާވެސް އަވަހަށް ބަގީގެ ހިދުމަތް ދިނުމަށް ކަމަށެވެ.