ދުނިޔޭގެ ދިރިއުޅުމަށް ނުހެއްލުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

Ads by Asuru

މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެފައިވާ މައުޟޫއު އަކީ މަރަށް ތައްޔާރުވުމެވެ. ހުތުބާގައި ބުނެފައިވަނީ ދުނިޔަވީ ހަޔާތް ލައްވާފައިވަނީ މީސްތަކުން އިމްތިހާނު ކުރާ ގޯއްޗެއް ކަމުގައި ކަަމަށާއި، ދުނިޔެއަކީ އާހިރަތް ހޯދުމަށް މަސައްކަތް ކުރަން ލައްވާފައިވާ ތަނެއް ކަމުގައެވެ.

”އާހިރަތް ދުވަސް ލެއްވީ، ދުނިޔޭގައި ހެޔޮކޮށް އަމަލު ކުރާ މީހުންނަށް އިނާމު ދެވި، މާތްކޮށް ހިތޭ ގޮވައްޗަކާއި، ކާފިރުވެ، އުރެދުނު މީހުންނަށް ކޯފާއާއި އަޒާބު ދެއްވުމުގެ ގޮވައްޗެއް ކަމުގައެވެ.“

މިއަދުގެ ހުކުރު ހުތުބާގައި އިތުރަށް ބުނީ، ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައި ޖެހި އާހިރަތް ހަނދުމަ ނެތިކުރާ ބަޔަކަށް އަދި ލޯތަކަށް ފެންނާން އޮތް އެންމެ ބޮޑު ހަގީގަތް ކަމުގައިވާ މަރާމެދު ގާފިލުވާ ބަޔަކު ކަމުގައި އިންސާނުން ވެގެން ނުވާނެ ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ، ކާފަރުންނާއި ފާރިޖުންް މުއުމިނުންނަށް ވުރެ ބޮޑަށް މަރުގެ ވޭނުގައި އުޅޭނެ ކަމަށެވެ.

އަދި މަލާއިކަތުން މުއުމިނު އަޅާގެ ގާތަށް ވަޑައިގެން މާތް ރަސްކަލާނގެ ދެއްވާފައިވާ އުފާވެރިކަމުގެ ހަބަރު ދެއްވުމުން އެ އަޅާގެ ކިބައިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ސިފަތައް ފާޅުވާނެ ކަމަށާއި ހަމަ އެފަދައިން، ކާފިރު ފާޖިރު މީހާއަށް ހުރި އަޒާބުގެ ވާހަކަ އިވުމުން އޭނާގެ ކިބައިން ހިތާމަވެރިކަމާއި ވަރުބަލިކަމާއި ހިތްދަތިކަމުގެ އަސަރު ފާޅުވާނެ ކަމަށް ބުންޏެވެ.