މިއަދު ހުޅުމާލެ ވޯޓަރ ތީމް ޕާކު ކައިރިން ފެނުނު ހަށިގަނޑަކީ، ގެއްލުނު ޒުވާނާ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި، އެއީ މަރުވެފައިވާތާ ގިނަ ދުވަސްވެ، ވަރަށް ބޮޑަށް ހަލާކުވެފައިވާ ހަށިގަނޑެއް ކަމަށް ފުލުހުން ބުނެފިއެވެ

Ads by Asuru

ފުލުހުން މިހެން ބުނީ، މިރޭ ހުޅުމާލެ ވޯޓަރ ތީމް ޕާކު ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކޮށް، މައުލޫމާތު ދެމުންނެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން، ހަށިގަނޑު ފެނުނު ސަރަހައްދު ބެލީ މިއަދުގެ ވަގުތެއްގައެވެ. އަޒްހާން ކަަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނީ ހުޅުމާލެ ސަހަރާ ބިއްދޮށުން އޮންނަ ބޯގަސްތަކުގެ ތެރެއިންނެވެ. ފުލުހުން އެ ސަރަހައްދު ބެލިއިރު، އެ ހިސާބުން ކުނިވަސް ދުވާ ކަމަށް ބައެއް ފަރާތްތަކުން މީގެ ކުރިން ފާހަގަ ކުރި ކަމަށް، ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:45ހާއިރު ފެނުނު ހަށިގަނޑު އޮތީ ވަރަށް ދުވަސްވެފައި ކަމަށާއި، އެ ހަށގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ.

މި މައްސަލައިގައި އަދި އެއްވެސް މީހެއްގެ މައްޗަށް ތުހުމަތު ނުކުރެވޭއިރު، އަޒްހާންގެ ފޯނުވެސް އަދި ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 27 އަހަރުގެ އަޒްހާން ގެއްލުނީ މިދިޔަމަހުގެ 18 ވަނަ ދުވަހުއެވެ. އަޒްހާން ވަނީ، ހަށިގަނޑު ފެނުނު ސަރަހައްދާ ކައިރި ގެސްޓްހައުސްއަކަށް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާއާއެކު ޗެކިން ވެފައި ކަމަށް މައުލޫމާތު ލިބެއެވެ.