ގެސްޓްހައުސް ވިޔަފާރި އަލުން އަނބުރާ ގެނެސްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރަން ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރިސޯޓާއެކު މަދުން ނަމަވެސް ސަފާރީ އުޅަނދުފަހަރާއި ގެސްޓްހައުސް އަދި ޑައިވިން ސެންޓަރުތައް މާލެއާ ކައިރި ބައެއް ރަށްރަށުގައި ހުޅުވިގެންދިޔަ ކަމަށެވެ.

އޭގެތެރޭގައި ކ.ހުރާ، ހިންމަފުށި، ތުލުސްދޫ ހިމެނޭ ކަމަށާއި އަދި މާލެއާ ދުރުން ނ.ވެލިދޫ ފަދަ ބައެއް ރަށްރަށުގައި މިފަދަ ސިނާއަތްތައް ފެށިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިއަދުވެސް ވެލިދޫއާ ފަތުރުވެރިކަމާ ދެމެދު އޮތް ގާތްކަމަކީ އެ ރަށާއި ދިވެހި ފަތުރުވެރިކަމުގެ ޒަމާންވީ ގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުން މުޅިން އެއްކޮށް ހުއްޓުމަކަށް އައި މަންޒަރު ފެނިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު ގެސްޓްހައުސްތައް މުޅި ރާއްޖެ އަށް ފެތުރިގެންދިޔައީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބޮޑު ބަދަލާއި ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެކަމަށްޓަކާ ނަޝީދަށް ޝުކުރު ދަންނަވާފައެވެ.