މާލެ ސިޓީއަކީ، އެންމެންނަށްވެސް ދިރިއުޅެން ފަހިތަނަކަށް ހެދުމަކީ، އެންމެން ގުޅިގެން ކުރެވޭނެ ކަމެއް ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުއިއްޒު މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

މޭޔަރު މިފަދައިން ވިދާޅުވެފައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މުއައްސަސާތަކާއި އެކު މަޝްވަރާކުރުމުގެ ގޮތުން ކެއަރ ސޮސައިޓީއާ އެކު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމާއި ގުޅިގެންނެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކައުންސިލުން ކޮށްދެވޭނެ ކަންކަމާއި މެދު މަޝްވަރާކުރައްވާ އެފަދަ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މާލެ ސިޓީގެ މޭޔަރުގެ އިތުރުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ނާސިރު އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާއެވެ.

ކެއަރ ސޮސައިޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައިވަނީ ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރ އަހުމަދު އާތިފް އާއި ޕްރޮޖެކްޓް ކޯޑިނޭޓަރ މަރިޔަމް އަފްރާހު މޫސާގެ އިތުރުން ޕްރޮގްރާމް ޕްރޮޖެކްޓް ކޯޑިނޭޓަރ ހައިފާ ނަސީމެވެ.