ޕީޕީއެމް-ޕީއެންސީ ބައިބައި ކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، އެކަން ކުރެވޭވަރުގެ ބަޔަކުވެސް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އަބްދުއްރަހީމް މިހެން ވިދާޅުވީ، ރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

އަބްދުއްރަހީމާއި ރައީސް ޔާމީނާ ދެމެދު މައްސަލަތަކެއް އުފެދި، އަބްދުއްރަހީމް އިދިކޮޅު ކޯލިޝަނުގެ އިސް ސަފުން އެކަހެރި ކުރުމަށް، އެތެރެއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން އަޑު ފަތުރާފައިވެއެވެ. އެވާހަކަތަކަށް އިދިކޮޅުން މީގެ ކުރިންވެސް ރައްދު ދިނެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ އަކީ ގުޑުވާލެވޭވަރަށްވުރެ މާ ބަދަހި ކޯލިޝަނެއް ކަމަށާއި، އެ ކޯލިޝަނުން ރައީސް ޔާމީނާއެކު ކުރަމުން އަންނަ މަސައްކަތަށް ބަދަލެއް ނުގެނެވޭނެ ކަަމަށެވެ.

”އަޅުގަނޑުމެން މިތިބީ، ގައުމީ ރޫހުގައި. ގައުމީ ފޯރީގައި. މި އަޒުމުގައި، މި ހިތްވަރުގައި. އެހެންވީމަ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަ އަކީ، ތިޔަ ބޭފުޅުން، ޔަގީން ކުރައްވާށޭ، ރައީސް ޔާމީނާއި، ރައީސް ޔާމީންގެ ޓީމު، ރޫޅާލެވޭވަރުގެ އިތުރު ބަޔަކު މި ރާއްޖެއަކު ނޫޅޭނެ.“ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއަކުން، ޕީޕީއެމަށް ހެޔޮ އެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެހެން ޕާޓީތަކުން، ޕީޕީއެމްގެ ދިފާއުގައި މަސައްކަތް ކޮށްފާނެ ކަމަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

”މި ގައުމުގެ ދިފާއުގައި ނުތެދުވާ ބަޔަކު، ރަައްޔިތުންގެ ދިފާއުގައި ނުތެދުވާ ބަޔަކު، ދީނުގެ ދިފާއުގައި ނުތެދުވާ ބަޔަކު، މިނިވަންކަމުގެ ދިފާއުގައި ނުތެދުވާ ބަޔަކު، ދެން ކީއްކުރަންތޯ، ވަކި ވަކި ފަރުދުންގެ ދިފާއުފައި ތެދުވަންވީ؟“ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހީމްގެ އެޑްވައިޒަރު، އިލްހާމް އަހުމަދަށް ރައްދު ދެއްވައެވެ. އަބްދުއްރަހީމް އިދިކޮޅުގެ ލީޑަރޝިޕުން ”އެހެލީ“ ކަމަށް ވިދާޅުވެ، އިލްހާމް މީގެ ކުރިން ވަނީ، އަބްދުއްރަހީމްގެ ދިފާއުގައި ވާހަކަތަކެއް ދައްކަވާފައެވެ.