މީޑިއާ ރެގިއުލޭޓްކުރަން ފާސްކުރި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލު މިއަދު ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިވަނީ ތަސްދީގުކުރައްވައިފައެވެ.

މި ގާނޫނާމެދު ހިތްހަމަ ނުޖެހި، ބިލަށް ގެނެސްފައިވާ ބަދަލުތައް މާނަ ކުރާ ބައެއް ނޫސްވެރިން ބުނާ ގޮތުގައި މި ގާނޫނުގެ ސަބަބުން ނޫސްވެރިކަން މި ވަނީ އެތައް ދަރަޖައަކަށް ފަަހަތަށް ޖެހިފައެވެ.

އަދި މީގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ނޫސްވެރިކަމުގެ ކުރިމަގު ވަނީ އަނދިރިވެފައި ކަމަށް އެމީހުން ދެކެއެވެ.

ނަމަވެސް، މި ބިލު އެއްކޮށް ކިޔާލައި، ދިރާސާ ކޮށްލިއިރު، މި ވާހަކަތަކަށް ބާރު ދެވޭކަށްނެތެެވެ.

އެ މީހުންގެ ހިޔާލު ތަފާތުވަނީ ކޮންކަމަކާމެދުގައިކަން ރަނގަޅަށް ސާފުކޮށްލުމަށް ދެތިން މީހަކާ ވެސް ސުވާލުކޮށްލީމެވެ. ނަމަވެސް ޖަވާބަކަށް ލިބިފައިވަނީ ބިލުގައި ވަނީ ކަންބޮޑުވާ މައްސަލަތައް ކަމަށެވެ.

އަދި މިނިވަންކަމާއިއެކު ޝާއިއުކޮށްލާ ޚަބަރަކުން އެމީހުންނަށް އަދަބު ދެވިގެންނުވާނެ ކަމަށް ފާހަަގަކުރިއެވެ. ނަމަވެސް މިނިވަންކަމާއި އެކު ޚަބަރު ފަތުރުމަކަށް އައު ގާނޫނުގައި އެއްވެސް ހުރަހެއް ނެތެވެ. ބިލު ރަނގަޅަށް ކިޔާލައިފިނަމަ، މިކަން ކޮންމެ މީހަކަށް ވެސް ސާފު ވާނެއެވެ.

މި ގާނޫނުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.

މި ގާނޫނުން ހުރަސް އަޅަނީ ދޮގު ހަބަރާއި، ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމަށެވެ. ހަމަޔަގީނުންވެސް މިއީ ނޫސްވެރިކަމަށް ލިބުނު ކުރިއެރުމެވެ. ނޫސްވެރިން އިތުރަށް ޒިންމާދާރު ކުރުވާނެ ކަމެކެވެ.

ޔޫތު މިނިސްޓަރ އިބްރާހީމް ވަހީދު (އަސްވާޑް) ފާހަގަކުރެއްވި ގޮތުގައި، ބިލު ފާސްކޮށްފައިވަނީ ނޫސްވެރިންގެ ފަރާތުން ލިބުނު ފާޑުކިޔުންތައް އަޑުއެއްސެވުމަށްފަހުގައެވެ.

އެފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި، މީޑިއާ މާނަކުރުމުގައި ”ސޯޝަލް މީޑިއާ“ މި ބަސް ބޭނުންކޮށްފައި އޮތް އޮތުން ބިލު ފާސްކުރިއިރު ނޯންނާނެ ކަމަށާއި، މީޑިއާ ގާނޫނު ހަމައެކަނި ހިނގާނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތަކާއި އެ މީޑިއާތަކުގެ ސޯޝަލް މިޑިއާ ހޭންޑަލް ތަކުގައި ފޯސްޓްކުރާ ކޮންޓެންޓް ތަކަށް އެކަނިކަން، ކުރީގެ ނޫސްވެރިޔާ އަސްވާޑު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި، މި ގާނޫނު އޮންނާނީ، ”ނޫސްވެރިންގެ ފޭވަރ“ގައެވެ.

އާއްމު ރައްޔިތަކު އޭނާގެ ސޯޝަލް މީޑިއާގެ ހޭންޑަލްގައި ފާޅުކުރާ ހިޔާލަކަށް ނުވަތަ ދިރާސާ ކުރާމީހަކު ކުރާ ދިރާސާއެއްގެ ވާހަކަ އެމީހުންގެ ސޯޝަލް މީޑއާގެ ހޭންޑަލްގައި ލިޔުމަކުން، ނުވަތަ އެމީހުން އެ ކުރި ފޯސްޓެއްގެ ސަބަބުން އެ މީހަކާ މެދު ނުވަތަ އެބަޔަކާމެދު ވެސް މި ގާނޫނުގެ ދަށުން ފިޔަވަޅު ނާޅާނެކަން މިނިސްޓަރު ފާހަަގަކުރެއްވިއެވެ.

މި ގާނޫނާއި ދެކޮޅަށް މުޒާހަރާ ކުރާ ނޫސްވެރިން ބުނަމުންދަނީ ނޫސްވެރިކަން ރެގިއުލޭޓް ކުރަން ޖެހޭނީ އެމީހުން އަމިއްލައަށް ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މީގެ ކުރިން ވެސް ވަނީ މީޑިއާ ރެގިއުލޭޓްކުރަން ނޫސްވެރިން ހިމެނޭ ގޮތަށް ވަނީ ކޮމިޝަންތައް އުފައްދައިފައެވެ.

މީޑިއާގައި  މަސައްކަތް ކޮށްފައިވާ އަދި ކުރަމުންދާ ބައެއް ނޫސްވެރިންވެސް ބުނާ ގޮތުގައި ރެގިއުލޭޓަރީ ބޮޑީސްތަކުގެ އެހީތެރިކަން އެމީހުންނަށް އެންމެ ބޭނުންވާ ވަގުތު ނުލިބެއެވެ.

އެތައް ފަހަރެއްގެ މަތިން އެ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން އެއްވެސް ކަހަލަ ނަތީޖާއަކާއި ހަމަޔަށް އައިސްފައެއް ނުވެއެވެ.

އެހެންކަމުން ނޫސްވެރިން އަމިއްލައަށް ރެގިއުލޭޓްކުރަން އުޅުމަކި ގިނަ ބަޔަކު އެކަމަކަށް ތާއީދު ކުރާ ކަމެއް ނޫނެވެ.

މި  ގާނޫނާ ގުޅިގެން އާންމުންގެ ހިޔާލުވެސް ހޯދާލީމެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ މީޑިއާއަށް މިފަދަ ބަދަލެއް ގެންނަން މާ ލަސްވެއްޖެއެވެ.

މީހުންގެ އަބުރު ކަތިލުމާއި ހަގީގަތާއި ހިލާފު ވާހަކަތައް އެއްވެސް ވަރަކަށް އޭގެ ދެކޮޅު ނުބަލައި، ނޫސްތަކުގައި ލިޔުމާއި އާންމުންވެސް ދެކޮޅެވެ. އެ މީހުންގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުންވެސް މިކަން ހާމަވެގެން ދެއެވެ.

އެތައް ބަޔަކު ވަނީ މި ގާނޫނުގެ ދިފާއުގައި އެމީހުންގެ ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން ހެޔޮގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ނޫސްވެރިންނަށް މި ގާނޫނަކުން އެއްވެސް ހުރަހެއް ނެތްކަމާއި، މި ގާނޫނާއި އެކު މީހުންގެ އަބުރު ރައްކާތެރިކޮށް ދޮގު ހަބަރު ފެތުރުން ހުއްޓިގެންދާނެކަމަށް ގަބޫލުކުރާ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކުވެސް ފާހަގަކުރެއެވެ.

އައު ގާނޫނާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީތީ، އަޅުގަނޑުމެންގެ މައްޗަށް އިލާހީ ގާނޫނު އެބައޮތް ކަމަށާއި ކަންކަމުގައި ހަމަތަކެއް އޮންނާން ޖެހޭނެކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް އުސޫލުތަކެއް އޮންނާން ޖެހޭ ކަމަށާއި، ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން ކަމަށާއި އިސްލާމްދީނުގައި އަބުރު ރައްކާތެރި ކުރަން އަންގަވައިފައިވާކަމަށެވެ.

ނޫސްވެރިންގެ ތެރެއިން ބަޔަކު ކުރިއަށް ނެރެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައޭ ބުނެ އެއްވެސް ގޮތެއް ފޮތެއް ނެތި އަޑުގަދަ ކުރުމަކީ ޒިންމާދާރު ނޫސްވެރިކަންތޯ އޭ އަޅުގަނޑުގެ ހިތަށްއަރައެވެ.

އަދި މިއީ ނޫސްވެރިކަން އެހެން ހަރުފަތަކަށް ގެންދަން އެޅި ފިޔަވަޅެއްތޯ މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ.