އިންޑިއާގެ ވެރިރަށް ދިއްލީގެ ސްކޫލެއްގެ ފާޚާނާތެރޭގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު، ސީނިއާ ދެ ދަރިވަރުން ވެގެން ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިދިޔަ ޖުލައި މަހު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފެންމަތިވީ ދިއްލީ ކޮމިޝަން ފޯ ވިމެން (ޑީސީޑަބްލިއު) އިން އެކަން ފާހަގަކުރުމުންނެވެ.
ޑީސީޑަބްލިއުއިން ވަނީ މި ކުށުގައި ސްކޫލްތަކުގެ ވެރިންގެ ދައުރެއް އޮތްތޯ ބެލުމަށް އެދިފައެވެ.މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޑީސީޑަބްލިއުގެ ޗެއާޕާސަން ސްވާތީ މާލިވާލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެރިރަށް ދިއްލީގެ ސަރުކާރުން ހިންގާ ސްކޫލެއްގައި ކިޔަވަމުން އަންނަ އަންހެން ކުއްޖާ މިދިޔަ ޖުލައި މަހު ކްލާސްރޫމަށް ގޮސް އުޅެނިކޮށް ދެ ފިރިހެންނާ އެ އަންހެން ކުއްޖާއާ ދެމެދު ކުރިމަތިލުމެއް ހިނގި ކަމަށެވެ.
މިއަށްފަހު، އެ އަންހެން ކުއްޖާ ބުނީ ފިރިހެން ކުދިންގެ ކިބައިން މައާފަށް އެދުނު ކަމަށާއި ނަމަވެސް އެ މީހުން އެ ކުއްޖާއަށް ގޯނާކުރަން ފަށައި ފާހާނާއެއްގެ ތެރެއަށް ގެންގޮސް ދޮރު ތަޅުލައި ރޭޕްކުރި ކަމަށެވެ.
މާލިވާލް ވިދާޅުވީ އެ އަންހެން ކުއްޖާ ވަނީ ސްކޫލުގެ ވެރިން ”އެކަން ފޮރުވައިދޭ“ ކަމަށް ވެސް ތުހުމަތުކޮށްފައި ކަމަށެވެ. އަދި އެކަން ހިނގި ގޮތް ޓީޗަރަކަށް އެންގި ކަމަށާއި ނަމަވެސް ”ފިރިހެން ކުދިން ބޭރުކޮށްފައިވާ“ ކަމަށް ބުނެ ދޮގު ހެދި ކަމަށް އޭނާ ތުހުމަތު ކުރިއެެވެ.
މަލިވާލް ވިދާޅުވި ގޮތުގައި ވެރިރަށުގައިވެސް ކިޔަވައިދޭ ސްކޫލްތަކަކީ ކުދިންނަށް ނުރައްކާތެރި ތަންތަން ކަމުގައިވުމީ، ވަރަށްވެސް ހިތާމަވެރި ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރިޕޯޓް ނުކުރާ ”ސްކޫލް ޓީޗަރާއި އެހެން އެއްވެސް މުވައްޒަފަކާ“ މެދު ފުލުހުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެ ސްކޫލުން ބުނަމުން ދަނީ އެ އަންހެން ކުއްޖާ އެކަން ޕްރިންސިޕަލަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެކަން ތަހުގީގު ކުރަން އަންގާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ޖިންސީ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހަޅައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އަދި ޓީޗަރުންނާއި ޝައްކު ކުރެވޭ ދަރިވަރުންނާ ސުވާލު ކުރަމުން އަންނަ ކަމަށްވެސް އެ މީހުން ބުންޏެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގެ ބަހެއްގައި 2012 ވަނަ އަހަރު ޒުވާން އަންހެނަކު ރޭޕްކޮށް މަރާލި ހާދިސާއަށް ފަހު އިންޑިއާގައި ޖިންސީ އަނިޔާގެ މައްސަލަތައް ބެލުން ވަނީ އިތުރުވެފައެވެ.
އެ އަނިޔާވެރި ޖަރީމާގެ ސަބަބުން އެގައުމުގައި ބޮޑެތި ކަންބޮޑުވުންތައް އުފެދި، ރޭޕް ކުރުން ހުއްޓުވުމުގެ ހަރުކަށި ގާނޫނުތައް ތައާރަފްކުރަން ސަރުކާރަށް މަޖުބޫރުވެ، ވަރަށް މަދު ހާލަތްތަކުގައި މަރުގެ އަދަބު ދިނުން ފަދަ ކަންކަންވެސް ގާނޫނުގައި ހިމެނިއެވެ.
ނަމަވެސް ހަރުކަށި ގާނޫނުތައް ހެދި ނަމަވެސް އަންހެނުންނަށް ކުރާ ޖިންސީ ކުށުގެ އަދަދު މަދުނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.