ލާދީނީ މީހުން، ދީނީ މީހުންނަށް މި ގައުމު ބޭއްވުމަށްފަހު، ގައުމު ދޫކޮށް ދިޔުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ހއ.ކެލާގައި، ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހީންނަށް ގައުމުގެ މުސްތަގްބަލާމެދު ގޮތްނިންމަން ލިބޭނެ ފަހު ފުރުސަތު ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖެ އަކީ، ދިވެހިވަންތަ ސިފަތަކެއް ލިބިފައިވާ ގައުމެއްތޯ ނުވަތަ ނޫންތޯ، އަންނަ އަހަރުގެ އިންތިހާބުގެ ނަތީޖާއިން ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނިންމޭ ނިންމުމެއްގެ ސަބަބުން، ދިވެހިންނާ ދިވެހީންގެ ރާއްޖެ ”އަލްވަދާއު“ ކިޔާފާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ފާޑުވިދާޅުވެ، ރައީސް ޔާމީން ވަނީ، އެ ސިޔާސީ ޕާޓީތަކުން މިއަދު ”ފާހިޝް ކަންތައްތައް ކުރާ މީހުންނާއެކުގައި ތިބީ“ ރިވެތި އުސޫލުތައް ދަމަހައްޓާތީއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ބޮޑެތި ގޯސްތައް ހަދާ މީހުންނަށް އެއްވެސް އަދަބެއް ނުދެވި، ވީއްލިގެންދާކަންވެސް ފާހަގަކުރެއްވިއެވެ.
”މިހާރުވެސް މި އަޑު އިވެނީ، މާލޭގެ އެކި ހިސާބުގައި ހުންނަ، އެކި ރެސްޓޯރަންޓްތަކުގަ، ދެން އަޅުގަނޑަކަށް ނަމެއްވެސް ނޭނގެ، އެކަމަކު މިއީ އާންމު ވާހަކައަކަށް ވެއްޖެ، ރާ ލިބުމަކީ ހަމަ ދާދި ފަސޭހައިންވާ ކަމެކޭ. ކީއްވެގެންތޯ ފުލުހުންނަށް ނުކުމެ، މިކަން ނުކުރެވެނީ؟“ ބަނގުރާ އާއްމުވަމުންދާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވާ، އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ، މަސްތުވާތަކެތީގެ މައްސަލަތައް ބެލުމަށް އިސްކަން ނުދީ، ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރަން، މަގުތަކަށް ނުކުންނަ އަންހެނުން ހައްޔަރު ކުރަން ފުލުހުން ދުވާކަން ފާހަގަކުރައްވައި، އެކަމަށް ފާޑުވިދާޅުވެފައެެވެ.
”އަޅުގަނޑުމެން މިބުނަނީ، އަޅުގަނޑުމެންނަށް އުނދަގޫވެޔޭ، އަޅުގަނޑުމެންނަށް އުނދަގޫވޭ. ލާދީނީ ވާން ބޭނުންވާ ބަޔަކު އުޅޭ ކަމަށްވަންޏާ، ދީނީ މީހުންނަށް މި ގައުމު ބާއްވާފަ، ލާދީނީ މީހުން މިތަނުން، ދުރަށް ދާންވީ ދެއްތޯ، ފައިބާންވީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.
