މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވެރިކަމުގައި ޔޫތު މިނިސްޓަރުގެ މަގާމު ފުރުއްވި އަހުމަދު މަހުލޫފު މިރޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގަންނަވައިފިއެވެ.

ޕީއެންސީއާ އެއް ފިކުރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ސިޔާސީ ހަޔާތް ފެއްޓެވި މަހުލޫފު، ޕީއެންސީއާ ގުޅިވަޑައިގެންނެވީ، މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ފޯރިގަދަ ”ދިވެހީންގެރާއްޖެ“ ޖަލްސާގައެވެ.

މިރޭގެ ޖަލްސާގައި، މަހުލޫފުގެ އިތުރުން ވެސް، އިދިކޮޅު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ޕީއެންސީއާ ގުޅުނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އައިސް، މިރޭ ބޭއްވި ބޮޑު ޖަލްސާގައި 13،000 ވަރަކަށް މީހުން ބައިވެރިވެފައިވެއެވެ.