މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ތަރައްގީ ޕާކާއިގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރަން ކައުންސިލުން ނިންމައިފިއެވެ.

Ads by Asuru

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާގައެވެ.

އެ ޖަލްސާގައި ދެއްކެވި ވާހަކައިގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މޫސުންތަންދޭނަމަ 25 އޮކްޓޯބަރު ވާ އަންގާރަދުވަހުގެރޭ ކަމަށެވެ.

އަދި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޕާރކް ހިމެނޭ ސަރަޙައްދުގައި ކަމަށާއި، މި ބައްދަލުވުމަށް ގަލޮޅުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އެރުވޭނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވަނީ ގަލޮޅު ތަމްސީލްކުރައްވާ ކައުންސިލަރުން މިކަމުގައި މަސައްކަތްކޮށްދެއްވާ މި ބައްދަލުވުމަކީ ގަލޮޅުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ބައްދަލުވުމަކަށް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުން ބައްދަލު ކުރުމަށް ނިންމާފައި މިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގް ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގ ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއިއެކު ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހުގައި މިކަން ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ކައުންސިލް މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.