ހުޅުމާލޭގެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫން ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވުމާ ގުޅިގެންނެވެ.

އޭނާ މިހެން ވިދާޅުވީ ހުޅުމާލެ ފޭސް1ގެ ރައްޔިތުންނާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ބައިވެރިޔަކު، ފޭސް 3ގެ ބިން ހިއްކަނީ ކުނި އަޅައިގެން ކަމަށް ބުނެ، ކޮށްފައިވާ ތުހުމަތާ ގުޅިގެންނެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ޒުހައިރު ވިދާޅުވީ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަމުންދަނީ ކުނި އަޅައިގެން ނޫން ކަމަށާއި ރާއްޖެއިން ބޭރުން ގާކުނޑި ގެނެސް ސާފުކޮށް، އެތަނަށް އަޅާ ކަމަށެވެ.

“ ސީއެންޑީ މިކޮޅަށް ގެނެސްގެން އެޅުމުގެ ކުރިން އަޅުގަނޑުމެން ސެގްރިގޭޓްކޮށްފަ މަސައްކަތް މިކުރަނީ. އަޅުގަނޑުމެން މިތަނަށް އެއްގޮތަކަށް ވެސް ކުންޏެއް ނާޅަން.“ އޭނާ ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ، ސީއެންޑީ އެޅުން މިހާރު މެދުކަނޑާލައި، ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެޗްޑީސީން އެ ސަރަހައްދުގެ މޫދު ވެސް ސާފު ކުރަމުންއަންނައިރު، މި ހުރިހާ މައުލޫމާތެއް ވެސް ރައީސްއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އަދި ރައީސް ވާހަކަފުޅުދައްކަވަނީ އެ ކޯޕަރޭޝަނުން އެމަނިކުފާނަށް ދެއްވާ މައުލޫމާތަށް ބިނާކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.